
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.- ފޮޓޯ:އަދަދު ސްޕޯޓްސް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ޕްރެކްޓިސް ފަށައިފި

ހަސަން ޝަމްއޫން - 02 ޑިސެމްބަރު 2025 - 11:30
އަންނަ މަހު ތައިލެންޑުގައި ބާއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޕްރިލިމިނަރީ ބޮޑު ސްކޮޑަކާ ރޭ ޕްރެކްޓިސް ފަށައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ދަނޑުގައި ރޭ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސި އުޒްބެކިސްތާންގެ ތަޖުރިބާކާރު ކޯޗު، ފާރޫގު ޒަކިރޯވް ނެތި އެވެ. އެފްއޭއެމް އިން ބުނީ، ވަރަށް އަަވަހަށް ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ އެވެ.
ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ސްކޮޑާ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ. ތޯރިގުއާ އެކު، އެފްއޭއެމްގެ ފުޓްސަލް ކޮމިޓީގެ މެމްބަރުންގެ އިތުރުން ލީޑަޝިޕްގެ ބައެއް މެމްބަރުން ބައިވެރިވި އެވެ.
ރޭގެ ޕްރެކްޓިހުގައި، ފުޓްސަލް ޓީމުގައި ހަރަކާތްތެރިވި ކޯޗުންނަކީ، އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕް ކޮލިފައިންގައި ހެޑްކޯޗަކަށް މަސައްކަތް ކުރި، އަހުމަދު ނިޔާޒް (ނިޔާ) އާއި އެސިސްޓަންޓް ކޯޗު، މުހައްމަދު ފުހައިދު (ޓޯޑު)ގެ އިތުރުން، މުހައްމަދު އިހުސާން (ލިއުބީ) އެވެ.
ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތް ލީގު ފޯމެޓަށް ކުރިއަށްގެންދަން ނިންމައި، މުބާރާތުގެ ގުރުއަތުލުން ވަނީ ބާއްވައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި، ސާފްގެ ހުރިހާ ގައުމަކުން މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރާނެ އެވެ. އެ ގޮތުން، ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފަށާނީ މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗުތައް މި މަހުގެ 23 ވަނަ ދުވަހު ނިމުމުންނެވެ.
ސާފްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ މެޗުގައި، ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، ޖެނުއަރީ 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، ޖެނުއަރީ 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ޖެނުއަރީ 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި މިއީ، ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތުބޮޑު ނަތީޖާއަކުން ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ
12 ދުވަސް ކުރިން
.jpeg&w=3840&q=75)
ގައުމީ ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިފި
15 ދުވަސް ކުރިން

"ހައިކޮމިޝަނަރސް ކަޕް"ގެ ނަމުގައި ދިވެހިންނަށް ޚާއްސަކޮށްގެން މެލޭޝިއާގައި ކުޅިވަރު މުބާރާތްތަކެއް ކުރިއަށްދަނީ
17 ދުވަސް ކުރިން

ރާއްޖެ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ
21 ދުވަސް ކުރިން


