logo
ގައުމީ ފުޓްސަލް ޓީމު..

ގައުމީ ފުޓްސަލް ޓީމު..

ސާފް ފުޓްސަލް ކަޕްގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އުޒްބަކިސްތާންގެ ތަޖުރިބާކާރު ކޯޗެއް

profile

ހަސަން ޝަމްއޫން - 22 ނޮވެމްބަރު 2025 - 16:49

އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ތާވަލުކޮށްފައިވާ ފުރަތަމަ ސާފް ފުޓްސަލް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗަކަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ކަމައްވާ ފާރޫކް ޒަކިރޯވް ހަމަޖައްސަން އެފްއޭއެމުން ނިންމައިފިއެވެ.

https://wamco.com.mv/

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ފާރޫކް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އޭނާ ހަމަޖެއްސީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފީފާ ފުޓްސަލް ރޭންކިންގެ އޭޝިއާގެ ހަތަރު ވަނައިގައި އޮތް އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ގައުމީ ފިރިހެން ޓީމުގެ ކޯޗު ކަމުގައި ހުންނަ މުއްދަތުގެ ތެރޭގައި ގައުމީ އަންހެން ފުޓްސަލް ޓީމުގެ ފަރިތަކުރުން ތަކުގައި ދިވެހި ކޯޗުންނާއެކު ފާރޫކް ހަރަކާތްތެރި ވާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް އުޒްބެކިސްތާނުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ފާރޫކް އަކީ އުޒްބެކިސްތާނުގެ އަންހެން ގައުމީ ޓީމުގެ ހެޑް ކޯޗެވެ. އަދި މީގެ އިތުރުން ފާރޫކް އަންނަނީ އުޒްބެކިސްތާނުގެ ފުޓްސަލް ލީގުގައި ވާދަކުރާ ނެފްޗީ ފުޓްސަލް ކުލަބުގެ ހެޑް ކޯޗުކަމުގެ މަގާމު ވެސް އަދާކުރަމުންނެވެ.undefinedފާރޫކް ޒަކިރޯވް..

އެފްއޭއެމުން ބުނީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ފާރޫކް ހަމަޖައްސާފައިވަނީ އޭނާ ކޯޗުކަން ކޮށްދެމުން އަންނަ ކުލަބާއިއެކު އެފްއޭއެމުން މަޝްވަރާ ކުރުމަށްފަހު އެ ކުލަބުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay