
ރަހަފަތް މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 08:58
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު 'ރަހަފަތް' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރަހަފަތް މައުރަޒަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަގާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމުގެ މަގްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒެކެވެ.
މި މައުރަޒުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ދިވެހި ސަގާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. އޭގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަށް މަގުފަހިކުރުމަކީވެސް މި މައުރަޒުގެ މުހިންމު މަޤްޞަދެކެވެ.
"ރަހަފަތް" މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީކާޑު ހިއްޕަވައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކުރައްވައިގެން ނަންނޯޓު ކުރެވޭނެ ކަމަށް އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން 3027586 ނުވަތަ 3027587 އަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޖެނުއަރީ 2026 އިން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ރަޖިސްޓްރީ ކުރައްވާއިރު، މައުރަޒަށް ތައްޔާރުކުރައްވާ ބާވަތްތަކުގެ ލިސްޓާއި އޭގެ އަދަދު ހިއްސާކުރައްވަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ހަރަކާތަކީ، އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެކެވެ.
މިއީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފި
ގަޑިއިރެއް ކުރިން

ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %35 ދަށްވެއްޖެ
2 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބު ބޭރުގެއޮބްޒާވަރުން ފޯމުހުށަހަޅަން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
4 ގަޑިއިރު ކުރިން


