
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދަރުމަވަންތަ ހޮސްޕިޓަލް ހުރީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި - ސަޢީދު

އަހުމަދު ޒަލީފު - 20 ނޮވެމްބަރު 2023 - 12:23
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރު ދުވަހުގެ ސަރުކާރު ނިމިގެންދިޔަ އިރު، ދަރުމަވަންތަ ހޮސްޕިޓަލް ހުރީ ވަރަށް ބޮޑަށް ވީރާނާވެގެން ގޮސްފައި ކަމަށް "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ވީރާނާވެފައިވީ ނަމަވެސް އެ ތަނުގައި އެންމެ ފެންވަރުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ތަރައްގީ ކުރެވޭނެ ޖާގަ އެބަހުރި ކަމަށެވެ. އަދި ހެލްތު މިނިސްޓަރު ކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވެސް އެކަން އެގޮތަށް ކުރައްވަން ބޭނުންވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"އަދި އެ ތަނަށް ރާއްޖެ އިން މީހުން އައިސް، ރާއްޖެ އިން ބޭރުން އެ ތަނަށް މީހުން ނާންނަންވީ ސަބަބެއް ނެތެއް ނޫންތޯ؟ މިސާލަކަށް ދުނިޔޭގެ ފެންވަރުގެ ކްލިނިކްސް އެ ތަނުގައި ހުންނަ ނަމަ،" ހެލްތު މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި އޭނާގެ ހުއްދާއާއެކުގައި ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އައްޑޫ އަތޮޅާއި ލ. އަތޮޅާއި އުތުރުގެ ހޮސްޕިޓަލްތަކުގައި މި ވަސީލަތްތައް ތަރައްގީ ކުރެވިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހެލްތު މިނިސްޓްރީން ވެސް މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައިގެން މި ތަންތަން ތަރައްގީ ކުރެއްވުން ކަމަށް ސައީދު ވިދާޅުވިއެވެ.
"ދެން މިނިސްޓްރީތަކުން ހައްދަވާ ޕްލޭންގައި މި ފޯކަސްގައި ބަޖެޓު ވެސް ހައްދަވާނީ. މި ފޯކަސްގައި މަސައްކަތްތަކެއް ކުރައްވާނެ ޓާގެޓުތަކެއް ހާސިލް ކުރުމަށް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވެވި ވަޒީރު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. އެކަމަކު، ފަސް އަހަރު ނިމިގެން ދިޔައިރު ވެސް އެ ތަނުން އެންމެ އެކަށީގެންވާ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. އެގޮތުން ހޮސްޕިޓަލުގައި މުހިއްމު އަދި ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ހައިބްރިޑް ތިއޭޓަރެއް ހަދާފައި ހުރި ނަމަވެސް އެ ތަން ވެސް މިހާތަނަށް އައިއިރު ބޭނުން ކުރެވިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން