
މިއީ ތަރައްގީގެ ނާރެހުގައި ރާއްޖެ ވިދާ ބަނބުޅަމުންދާ ދުވަސްތައް!

މުޙައްމަދު ފަޟްލޫން - 16 ޖޫން 2025 - 13:01
2023 ވަނަ އަހަރުގެ ފަހުކޮޅު އުފެދުނު މި ސަރުކާރު މިއަދާ ހަމައަށް އައި އިރު ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ.
ރައްޔިތުންގެ ހެވާއި ލާބައަށް ކުރި ގިނަކަންކަމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަންޖެހެއެވެ.
ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް ފެނިގެންދަނީ އުއްމީދާއި އުޖާލާ ކަމެވެ.
ސިއްހީ ދާއިރާގެ ކާމިޔާބީ އަށް ބަލާއިރު، ތެލެސީމިޔާ ކުދިންނަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ލިބި އެކަމުގެ ހިތްހަމަޖެހުން ދަނީ ލިބެމުންނެވެ. މީގެ އިތުރުން ރަށްރަށުގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ކ އަތޮޅު ތުލުސްދޫ ފަދަ ކުދި އާބާދީތަކުގައި ސިއްހީ ހިދުމަތްދޭނެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތައް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އެޑިއުކޭޝަނުން ވަނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުރިހާ ކްލާސްރޫމެއް އޭސީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދިރާސީ އައު އަހަރު ނިމޭ ތާރީހާއި ފެށޭ ތާރީހު ކުރިން އޮތް ގޮތަށް އަންނަ އަހަރު ބަދަލުވެގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ ލިވަރޕޫލް އާއި އެކު ދަނީ އިޝްތިހާރުކުރަމުންނެވެ. އަހަރުގެ މިހާތަނަށް 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، 2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް މިއަހަރު ނިމުމުގެ ކުރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިނިވަން ދުވަހާއި ދިމާކޮށް އަންނަ ޖުލައި މަހުގެ 26 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެއަރޕޯޓްގެ އައު ރަންވޭ އާއި ޓާމިނަލް އަދި އެހެނިހެން ހިދުމަތްތައް ތަރުތީބުވެފައިވަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އެކީގައެވެ. އެގޮތުން އަލަށް ހުޅުވިގެންދާ ޓާމިނަލް އާއި ޕެސެންޖަރ ސަރވިސްގެ ހިދުމަތްތަކާއި އެކު ދެ މިލިއަން ފަތުރުވެރިންނަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ބުނެފައެވެ.
މަސްވެރިކަން ކުރިއެރުވުމަށް މަސްކަނދުފަތިތައް މަރާމާތު ކުރުމާއެކު އިތުރު ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މަސްވެރިން ކިރާ މަހަށް ވާފައިސާ 48 ގަޑިއިރުތެރޭ ދަނީ ޖަމާކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ޒުވާނުން ދުރުހެލި ކުރުމުގެ ގޮތުން ރަށްރަށުގައި ޑިޓޮކްސް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ގޭންގް ކުށްތައް މަނާކުރުމާއި މަސްތުވާތަކެތި ހުއްޓުވުމުގެ ބިލުވެސް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.
ބޯހިޔާވަހިކަމާއި ގުޅުންހުރި މަޝްރޫއުތައް މިދައުރުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އުމްރާނީ އަދި ކަންކަން ކުރިއަރުވަން މިސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ކައުންސިލްތަކުގެ ހިދުމަތާއި ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން 50 އަށް ވުރެ ގިނަ ކައުންސިލްތަކުގެ އައު އިމާރާތުގެ ބިންގާ އެޅި މިދައުރު ނިމުމުގެ ކުރިން އިމާރާތްކޮށް ނިންމަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މާލެ ސިޓީ އަށް ބަލާއިރު މާލެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ޗައިނާ ބަޔަކާއި ހަވާލުކޮށްގެން އެކަން ބާރު ސްޕީޑްގައި ކުރިއަށް ދެއެވެ.
މަގުމަތީގެ ހަލަބޮލިކަން ކުޑަކުރުމަށް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި ބޭނުން ނުކޮށް މަގުތަކުގައި ޕާކްކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ޓެކްސީ ނުލިބުމުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ޓެކްސީ ލައިނެއްގެ ހިދުމަތް ދިނުމަށް ނިންމާފައެވެ.
ރައްޔިތުންނާއި ގުޅުންހުރި ހިދުމަތްތައް ދިނުން އަވަސްކޮށް، ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މަގްސަދުގައި މޯލްޑިވްސް 2.0 ގެ ނަމުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ނިޒާމެއް ގާއިމް ކުރުމުގެ ބުރަ އަދި ބިޔަ މަޝްރޫއު ފެށިގެން ގޮސްފައިވެއެވެ.
މި ދައުރު ފާހަގަކުރެވިގެންދަނީ އެހެން ހުރިހާ ދައުރަކަށް ވުރެ ފުރިހަމަ، ހަރުދަނާ އަދި އިންގިލާބީ ބަދަލުތައް ގެނެސްދޭނެ ދައުރެއްގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން