ތަރައްޤީ ހުއްޓުވަން މެމްބަރު ސައުދުﷲ ކުރައްވާ މަސައްކަތް މޭޔަރު ސިފަކުރެއްވީ ނާސިރުގެ އަނިޔާވެރިކަން ފަދަ އަނިޔާވެރިކަމެއްގެ ގޮތުގައި!
ޒިދާން މުޙައްމަދު - 14 ޑިސެމްބަރު 2024 - 11:49
ތިނަދޫ ސިޓީއަށް އަންނަން އޮތް ތަރައްޤީ ހުއްޓުވަން ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ ކުރައްވާ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އަނިޔާވެރިކަން ފަދަ އަނިޔާވެރިކަމެއްގެ ގޮތުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ސިފަކުރައްވައިފިއެވެ.
މޭޔަރު ސައުދުވަނީ މެމްބަރު ސައުދުﷲ އަށް ފާޑުކިޔައި އެ ސިޓީގެ ރައްޔިތަކު ކޮށްފައިވާ ޕޯސްޓެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވައި އެ ޕޯސްޓަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އެ ޕޯސްޓުގައި ބުނަނީ އަނިޔާވެރި އިބްރާހީމް ނާސިރު ރައްޔިތުންނަށް އަނިޔާވެރިވުމަށް ތަރައްޤީ ހުއްޓުވި ކަމަށެވެ. އެ ބީދައިން "ޣައްދާރު މެމްބަރު" [މެމްބަރު ސައުދުﷲ ހިލްމީ] ވެސް ކުރައްވަނީ އެކަން ކަމަށް ބުނެފައިވެއެވެ.
ޕޯސްޓުގައި ލިޔެފައިވަނީ "ޣައްދާރު މެމްބަރު" [މެމްބަރު ސައުދުﷲ ހިލްމީ] އަށް މައާފު ދޭ ނަމަ އިބްރާހީމް ނާސިރަށްވެސް މައާފުދޭން ޖެހޭނެ ކަމަށެވެ.
މި ޕޯސްޓު ހިއްސާ ކުރެއްވުމަށް ފަހު މޭޔަރު ސައުދު ވަނީ އިތުރު ޕޯސްޓެއްވެސް ކުރައްވާފައެވެ.
ވިދާޅުވީސަރުކާރުން އިތުބާރު ކުރާ މެމްބަރުންގެ ތެރޭގައި "ޣައްދާރު މެމްބަރު" [މެމްބަރު ސައުދުﷲ ހިލްމީ] ނުހިމެނޭ ކަމަށެވެ.
ތިނަދޫ ސިޓީގެ އާންމުންނާއި ވެރިން މެމްބަރު ސައުދުﷲއާ ދެކޮޅަށް ވާހަކަދައްކަމުންދަނީ، ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ގެއްލުވާލުމަށާއި ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަަތަކެއް ދައްކަވައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެންނެވެ.
ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ ޤާނޫނީ ގޮތުން ހުރި ފުށުއެރުންތައް ހައްލުކޮށްދެއްވުމަށް ފަހުގައެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ" ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިކަން ޢިއުލާނު ކުރައްވާފައި ވަނީ 27 މާރިޗު 2024ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
މިބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވަނީ"Secretariat of the Thinadhoo City Council" އެވެ. އަދި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީ ނަންބަރު ޖެއްސެވުމަށް ހަމަޖައްސަވާފައިވަނީ މިހައިތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިފައިވާ ނަންބަރު 415 އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓު 30 ގައި އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ޞާލިޙްއެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް މިދިޔަ ސަރުކާރުން ކެމްޕޭނު ތެރޭގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީއެވެ. އެ ނިންމުމެއް އިހުތިރާމު ކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
އެކަމަކު ދެ ރައީސުންނާއި އަދުގެ ސަރުކާރުގެ ނިންމެވުމަށް އިހްތިރާމު ކުރުމެއްނެތި، މުޅި ތިނަދޫގެ ރައްޔިތުންނާއި ދައުލަތާއި ވަލިއްޔުލްއަމުރާ ދެކޮޅަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް މައްސަލަ ހުށަހަޅާފައެވެ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ގޯސްކޮށް ކަމަށް ބުނެ، އެކަން ބަދަލުކުރުމަށް އެ ސިޓީގެ އުތުރު ދާއިރާގެ މެމްބަރު ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މުޅި ތިނަދޫގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެމްބަރު ސައުދުﷲ ހުށަހަޅާފައިވާ މައްސަލާގައި އޭނާ ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ތިނަދޫ ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައި އާބާދީ އޮޅުވާލައިގެން ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެއެވެ. އެގޮތުން 10،150 މީހުން އާބާދީގައި ހަމަކޮށްފައިވަނީ ތަކުރާރުކޮށް މީހުންގެ ނަން ހިމަނައިގެން ކަމަށް ސައުދުﷲ ތުހުމަތު ކުރެއްވިއެވެ. އެ ސިޓީގައި އޭނާ ވިދާޅުވި ގޮތުން ސަރުކާރުން ވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކައުންސިލުން ފޮނުވި ލިސްޓުވެސް ޔަގީން ނުކޮށް ކަމަށެވެ. އަދި އޮޅުވާލުމުގެ ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ވެސް ހޯދަނީ އެހެން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވަނީ މިދިޔަ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ އެކަމުގެ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހުކަން ޔަގީން ކޮށްދެއްވާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ލަގަބު ދެއްވީ ދައުލަތުގެ އެންމެ މަތީ ވެރިން ކަމަށާއި އެ ކަމާ ދެކޮޅަށް ނުކުމެ ކުރާ މަސައްކަތަކީ ބަޔަކު ރައީސް މުއިއްޒުގެ އަގުވައްޓާލަން ކުރާ މަސައްކަތެއްތޯ ތިނަދޫގެ ބައެއް ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ. ބަޔަކު މީހުން ތިނަދޫ ސިޓީއަކީ "ޗޯރުސިޓީއަކަށް" ހެދިޔަސް ހިތާރޫހުން އެ ސިޓީއަށް އުފަންވީތީ ފަހުރުވެރިވާ ކަމަށް ބުނެ އެމީހުން މޭޔަރު ސައުދު ޢަލީއަށް ތައުރީފު ކުރަމުންދަނީ މިމައްސަލާގައި ރައްޔިތުންގެ ފަޅީގައި ހުުންނެވީތީއެވެ.
ތިނަދޫ ރައްޔިތުން އެކުގައި ގޮވާލާ ގޮވާލުމަކީ އަދިވެސް "ރޫހުވަނީ ތިނަދޫގައޭ" އެވެ. ބޭނުންވާ ތަރައްޤީ ގެނެވޭނީ އެކުގައި ކުރެވޭ ގިނަގުނަ މަސައްކަތްތަކުން ކަމަށް ބުނެ އެ ރައްޔިތުން ތިބީ ސިޔާސީ ފިކުރު އެއްކިބާކޮށް މިމައްސަލާގައި ރަށުވަންތަ ލޯތްބާއި ރޫހު އިސްކޮށްގެނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން