
ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް ފެށުން
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް ފަށައިފި

ޝާމާ ޝުޢައިބު - 28 ނޮވެމްބަރު 2024 - 07:00
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް ފަށައިފިއެވެ.
ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ގާސިމްއެވެ.
މި ރަސްމިއްޔާތުގައި ކޮންފަރެންސަށް ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނާއި، ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
އެ މިނިސްޓްރީން ބުނީ އިންޒެކް 2024 ގެ އަމާޒަކީ، ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނަލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސް މިރޭގެ ނިިޔަލަށް ކުރިއަށްދާއިރު، ހަތަރު ކީނޯޓް ސްޕީކަރުންގެ ވާހަކަ ދެއްކެވުމާއި ހަތަރު ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން