
ވެސްޓް ހޭމް ކޮޅަށް އެއް ލަނޑު ޖަހާ ދެ ލަނޑު ޖަހަން ސަލާހު އެހީވި: ފޮޓޯ-ލިވަރޕޫލް
ލިވަޕޫލަށް މޮޅު, ޞަލާހު އަށް ރެކޯޑް

ހަފްސީ އަބްދުﷲ - 30 ޑިސެމްބަރު 2024 - 03:45
އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވި މެޗުގައި މިސްޞްރު ފޯވާޑް މުޙައްމަދު ޞަލާހު އެލީގުގެ ރެކޯޑެއް ހަދައިފިއެވެ.
މެޗުގައި ލަނޑު ޖަހާ, ލަނޑު ޖަހަން އެސިސްޓް ކުރުމާއެކު ސަލާހު ވެފައިވަނީ ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގެ އެއެއް މެޗެއްގައި އެންމެ ގިނަ މެޗުގައި ލަނޑު ޖަހާ, ލަނޑު ޖަހަން އެހީވި ކުޅުންތެރިޔާ އަށެވެ. ލީގުގެ މިހާތަނަށް އޭނާ ވަނީ 8 މެޗުގައި ލަނޑު ޖަހާ, އެ އަށް މެޗުގައިވެސް ލަނޑު ޖަހަން އެހީވެފައެވެ. ވެސްޓް ހޭމް އަތުން 5-0 ން މޮޅުވި މެޗުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޖެހީ ސަލާހު އެވެ. އޭގެކުރިން ދެވަނަ ލަނޑު ޖަހަން ކޯޑީ ގަކްޕޯ އަށް ފުރުޞަތު ތަނަވަސްކޮށްދިނީ ސަލާހު އެވެ. އަދި ފަހު ލަނޑު ޖޮޓާ ޖެހީ ވެސް ސަލާހު ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މެޗުގައި ދެން ލިވަޕޫލަށް ލަނޑު ޖަހައިދިނީ ލުއިސް ޑިއާޒް އާއި އެލެގްޒެންޑަރ އާނޯލްޑް އެވެ.
ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައިވެސް މިވަގުތު ހުރީ މިސީޒަންގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ސަލާހުއެވެ. މިސީޒަންގައި މިހާތަނަށް ސަލާހު ވަނީ 20 ގޯލް ޖަހާފައެވެ. ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 8 ޕޮއިންޓްގެ ލީޑެއްގައެވެ.






