logo

ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެ ހަމަލާތައް ވަރުގަދަވެއްޖެ

profile

ސައިފް އަޒުހަރު - 01 ސެޕްޓެމްބަރު 2024 - 19:31

BREAKING NEWS

BREAKING NEWS

ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މިއީ، ޔޫކްރެއިން ސިފައިން މިދިޔަ އޮގަސްޓްމަހުގެ 6 ވަނަ ދުވަހު ރަޝިޔާގެ ތެރެއަށް ވަދެގަތްފަހުން ޔޫކްރެއިނުން ރަޝިޔާއަށް ދޭންފެށި އެންމެ ފުޅާ އަދި އެންމެ ވަރުގަދަ ހަމަލާތަކެވެ.

މިހާތަނަށް ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ރަޝިޔާގެ އިންޖީނުގެތަކުގެ އިތުރުން، ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާގެ ހަކަތައާއި، އަސްކަރީ އަދި ޓްރާންސްޕޯޓް ވިއުގަތަކަށްވެސް ޔޫކްރެއިން ސިފައިން ގެންދަނީ ހަމަލާތައް ދެމުންނެވެ.

ރަޝިޔާގެ ތެރެއަށް ހަމަލާދޭން ޔޫކްރެއިނުން ބޭނުން ކުރަމުންގެންދަނީ، ޔޫކްރެއިންގައި އުފައްދާފައިވާ ޑްރޯންތައް ކަމަށް ވެއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ޔޫކްރެއިނުން ފޮނުވާލި ޑްރޯން ފައުޖުން 158 ޑްރޯން، ރަޝިޔާ ސިފައިން ހަމަލާދީ ވައްޓާލި ކަމަށެވެ.

މޮސްކޯ އޮއިލް ރިފައިނަރީގައި އަލިފާން ރޯވީ، ސިފައިން ހަމަލާދީ ވައްޓާލި ޑްރޯންތަކުން ކަމަށްވެސް ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ.

ހަނގުރާމަކޮށް ރަޝިޔާ ބަލިކުރަން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދެމުން ގެންދާއިރު، ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލާދީ، ޔޫކްރެއިނަށް ހަމަލާދިނުމުގެ ގާބިލްކަން ރަޝިޔާގެ ކިބައިން ނައްތާލައި ބަލިކުރުމަށްޓަކައި ހުޅަނގުން ދީފައިވާ ބާރުގަދަ ހަތިޔާރުތަކުގެ ބޭނުން ކުރުމުގެ ހުއްދަދިނުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގެންދަވަނީ ހުޅަނގަށް ބާރުބޮޑު ކުރައްވަމުންނެވެ.

އެގޮތުން، ރަޝިޔާއިން މިސައިލްތައް އުދުއްސާލާ ތަންތަނާއި، ރަޝިޔާގެ އަސްކަރީ ލޮޖިސްޓިކްސް ފުނޑާލައި، މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން، ދުރުރާސްތާ މިސައިލްގެ ބޭނުންކުރުމުގެ ހުއްދަދިނުމަށް ޒެލެންސްކީ ގެންދަވަނީ އާދޭސް ދަންނަވަމުންނެވެ.

ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ހިންގަމުންގެންދާ ޓެރަރިޒަމް ހުއްޓުވަން އިތުރު ފައުޖެއް ބޭނުން ނުވާ ކަމަށާއި، ލީޑަރުންގެ ކިބައިން ބޭނުންވަނީ ޔޫކްރެއިން ދިފާއުކުރަން އެގައުމަށް ބޭނުންވާ އެއްޗެއް ދިނުން ކަމަށެވެ.

އޭގެ މާނައަކީ، ހުޅަނގުން ދީފައިވާ ހަތިޔާރު ރަޝިޔާއާ ދެކޮޅަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ޔޫކްރެއިނަށް ދެއްވުމެވެ.

ޔޫކްރެއިންގެ ހަމަލާތަކާއެކު، ރަޝިޔާ ސިފައިންވަނީ ޔޫކްރެއިންގެ ޚަރްކީވަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ސާޅީސް މީހުން ޒަޚަމްވި ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާގެ ތެރެއަށް ވަދެގެންފައިވާ ޔޫކްރެއިން ސިފައިން ކުރިއެރިޔަނުދީ ހަމަލާތައް ދެމުންގެންދާއިރު، ޚަރްކީވްގައި ރަޝިޔާގެ އެއްގަމު ސިފައިން މިހާރު ކުރިއަށް ޖެހެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

tel:+9607331319