logo

އިމްރާން ޚާން އަލުން ފިލްމީ ދާއިރާއަށް ނުކުންނަ ފިލްމު ފަސްވެދާނެ ކަމަށް ހަބަރުތައް ފެތުރެނީ

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 04:02

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ޚާން އަލުން ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ކުރަމުންދާ އުންމީދުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

https://wamco.com.mv/

ބަތަލާ ބޫމީ ޕެޑްނޭކަރްއާ އެކު އޭނާ ކުޅޭ ރޮމޭންޓިކް ކޮމެޑީ "އަދޫރޭ ހަމް އަދޫރޭ ތުމް" ރިލީޒްކުރުން ފަސްވެދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މިކަން މިގޮތަށް ދިމާވެފައިވަނީ އޮކްޓޯބަރު 28 ގެ ކުރިން އިންޑިއާއިން ފުރައިގެން ދިއުމަށް އިމްރާން ޚާނަށް އަންގާފައިވާތީއެވެ. މިކަމުގެ ސަބަބުން ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތްތަކަށާއި ނެޓްފްލިކްސް މެދުވެރިކޮށް ފިލްމު ސްޓްރީމް ކުރުމަށް ރާވާފައިވާ ރޭވުންތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހުން (އެފް.އާރް.އާރް.އޯ) ވަނީ އޮކްޓޯބަރު 28 ގެ ކުރިން އެ ގައުމުން ބޭރުވުމަށް އަންގައި އިމްރާން ޚާނަށް ނޯޓިސް ފޮނުވާފައެވެ. އޭނާއަށް މި ނޯޓިސް ފޮނުވާފައިވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު މުމްބާއީގައި، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލައި ބޭއްވި ސިޔާސީ މުޒާހަރާއެއްގެ ތެރެއިން އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ރައްޔިތުކަން އޮންނަ އަދި "އޯވަސީސް ސިޓިޒަން އޮފް އިންޑިއާ" (އޯ.ސީ.އައި) ކާޑު ގެންގުޅޭ އިމްރާން ޚާން އެފަދަ މުޒާހަރާއެއްގައި ބައިވެރިވުމަކީ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އިންޑިއާގައި ކަނޑައެޅިފައިވާ ހިޖުރީ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ތުހުމަތު ކުރެއެވެ.

މި ހާދިސާއާ ގުޅިގެން، ދީޕަވާލީ ބަންދަށްފަހު ފެށުމަށް ހަމަޖެހިފައިވާ ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް މިހާރު ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. އަދި ފިލްމު ރިލީޒްކުރުން ފަސްކުރުމާ ބެހޭގޮތުން ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް، ފިލްމު ގެނެސްދޭ ނެޓްފްލިކްސްއިން މިހާތަނަށް ފިލްމު ނެރުމަށް ކަނޑައަޅާފައިވާ ތާރީޚަށް އެއްވެސް ބަދަލެއް ގެނައިކަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އަނެއްކޮޅުން އިމްރާން ޚާންގެ ގާނޫނީ ޓީމުން ބުނެފައިވަނީ އޭނާއަށް ދީފައިވާ ގައުމުން ފުރައިގެން ދިއުމުގެ ނޯޓިސް ކޯޓުގައި ޗެލެންޖް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިއީ 2015 ވަނަ އަހަރު ކަންގަނާ ރަނާވަތާއެކު ކުޅުނު "ކައްޓީ ބައްޓީ" އަށްފަހު، އިމްރާން ޚާން ލީޑް ރޯލަކުން ބޮޑު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. އޭނާ މީގެ ކުރިން މަގުބޫލުކަން ހޯދި ރޮމޭންޓިކް ކޮމެޑީ ޖޯންރާއިން އޭނާ އެނބުރި އަންނާނެ ދުވަހަކަށް ގިނަ އަދަދެއްގެ ފޭނުން އިންތިޒާރު ކުރަމުންދިޔަ ނަމަވެސް، ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ދެން އެނގޭނީ ޕްރޮޑަކްޝަނުން ރަސްމީ ބަހެއް ބުނުމުންނެވެ.

އިމްރާން ޚާންގެ މި އެނބުރި އައުން ރޭވިފައިވާ ގޮތަށް ކުރިއަށްދާނެތޯ ނުވަތަ އިތުރު ލަސްތަކެއް ކުރިމަތިވާނެތޯ ކަށަވަރުވާނީ، އޭނާއަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތައް ކޯޓު މަރުހަލާގައި ކުރިއަށްދާ ގޮތަކުންނެވެ.

https://wamco.com.mv/
tel:+9607331319