
ދަރުމަވަންތަ ހޮސްޕިޓަލް---
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށް ވަކި ހާއްސަ ގުރޫޕެއް!

ޖިނާން ޙުސައިން ޖަބީން - 30 އޮކްޓޯބަރު 2026 - 11:39
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް އެއް ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި އައު ކުންފުންޏެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތައް އެއް ގްރޫޕެއްގެ ގޮތުގައި ހިންގަމުން އަންނަ އައުން ނިމުމަކަށް ގެނެސް، އެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާރު ހުރި ޓާޝަރީ ހޮސްޕިޓަލްތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެ ފެންވަރަށް ތަރައްގީކުރަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތައް ވެސް ހިމެނޭހެން، އެއް ގްރޫޕެއްގެ ދަށުން ހިންގާނެ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުން ބަދަލުވެ ހިދުމަތް ދިނުމުގެ ފުރުސަތު ފަސޭހަވެގެންދާނެ ކަން ފާހަގަކުރެއްވިއެވެ. މިއީ މުވައްޒަފުން އިތުރުކުރުމަށް ގެންނަ ބަދަލެއް ނޫން ކަމަށާއި، މަގުސަދަކީ މިހާރު ވެސް ތިބި މުވައްޒަފުންނާއި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުން ފެށިގެން، ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި މިކަން ތަންފީޒުކޮށް ނިންމަވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް މަސައްކަތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވެސް އެ ދާއިރާ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ދެއްވިއެވެ.
ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ފަށާފައިވާ ސިއްހީ ދާއިރާއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ހުއްޓި، ޒަރޫރީ ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ.
އަނެއްކޮޅުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުފެއްދިތާ އަދި ދޮޅު އަހަރެއްހާ ދުވަސް ވެސް ނުވަނީސް އެ ކުންފުނި އުވާލަން ނިންމުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ވަކިން ހާއްސަކޮށް، އެ ކުންފުނި އުފެއްދުމަށް ހިނގި ހަރަދަށް ވާނެ ގޮތާއި، ކުންފުނީގެ މުދަލާއި ވަސީލަތްތައް ބަދަލުކުރާނެ ގޮތަކާމެދު ސުވާލު އުފެދިފައިވެއެވެ. އަދި މި ބަދަލާއެކު އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާއަށް ވާނެ ގޮތަކާމެދު ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި
އަހަރެއް ކުރިން

ދުވަސްނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި
އަހަރެއް ކުރިން

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އެއްވެސް ދަތިކަމެއްނެތި އިންޓާރންޝިޕް މިހާރު ލިބޭނެ: މިނިސްޓަރު
އަހަރެއް ކުރިން

އަލަށް އުފަންވާ ތުއްތު ކުދިންގެ ފަރުވާއާ ގުޅޭ ނިއޮނޭޓަލް ކޮންފަރެންސް ފަށައިފި
އަހަރެއް ކުރިން


