
މިސްކިތުގެ ދައުރުފުޅާކުރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 ޖުލައި 2025 - 05:10
ރާއްޖޭގައި އިސްލާމްދީން ހަރުދަނާ ކުރުމަށް އަދި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް މިސްކިތުގެ ދައުރުފުޅާކުރުމަކީ ވަރަށް މުހިންމު، ކަމެކެވެ. އެހެނީ މިސްކިތްތަކަކީ ބިމުގައިވާ ތަންތަނުގެ ތެރެއިން، ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގެންވާ ތަންތަނެވެ. މިސްކިތްތައް ލައްވާފައިވަނީ މުއުމިނުން އެތަންތަނުގައި ﷲއަށް އަޅުކަންކުރުމަށާއި ނަމާދު ޤާއިމުކުރުމަށާ އަދި އެއިލާހުގެ ޛިކުރުކުރުމަށާ އަދި އެއިލާހު މަތިވެރިކުރުމަށެވެ.
ރަމަޟާންމަސްތަކުގައި އަހަރެނެންނަށް ފެންނަ އުފާވެރި މަންޒަރަކީ މިސްކިތައް ފުރި، މިސްކިތްތަކުގެ ބޭރުން ވެސް ސަފުތައް ހަދާ މަންޒަރެވެ. މިސްކިތްތަކުގައި ގިނަ ބަޔަކު ޝާމިލުވެ އުޅޭ ތަނެވެ. ރޭ އަޅުކަމާއި ނަމާދު ގާއިމުކުރުމާއި ގުރްއާން ކިޔެވުމުގައެވެ. މިކަން އެހެން މަސްތަކުގައި ވެސް އެގޮތުގައި އޮންނާނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ.
މާތް ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“އެތަންތަނުގައި އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތަނުގައި އެއިލާހަށް ތަސްބީޙަ ކިޔައި އުޅެއެވެ. [36] އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: އެއީ މިސްކިތްތަކުގައި ތަސްބީޙަ ކިޔައި ނަމާދުކޮށް އުޅޭ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް، ﷲ ގެ މަތިން ހަނދުމަކުރުމުންނާއި ނަމާދު ޤާއިމުކުރުމުންނާއި ޒަކާތް ދިނުމުން، އެބައިމީހުން މަޝްޣޫލުކޮށް ދުރުކޮށެއް ނުލައެވެ. އެދުވަހެއްގައި ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިގެންދާ ދުވަހަށް، އެބައިމީހުން ބިރުވެތިވެއެވެ. [37]”
މިސްކިތްތަކުގެ މުންނާރުތަކުން ކޮންމެ ދުވަހަކު ބަންގީގެ އަޑު ތަކުރާރުވެއެވެ. އެ ބަންގީގައި، ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ހެކިވުމުގެ ނިދާއާއި ޝަހާދަތުގެ ދެކަލިމަ އިއްވެއެވެ. އަދި އެތަންތަނުގެ މިޙްރާބުތަކާއި މިންބަރުތަކުން އީމާންކަމުގެ ރިސާލަތު ފޯރުކޮށްދެއެވެ. ފަހެ، އެއިން ހިތްތަކާއި ކަންފަތްތައް ހުޅުވައިދެއެވެ. އަދި ޝިރުކުގެ އަނދިރިކަން ފުހެލައެވެ. އަދި އެއީ އިސްލާމްދީނުގެ އެންމެ ފުރަތަމަ ތަރުބަވީ އަދި ޢިލްމީ މަދްރަސާއެވެ. މާތްވެގެންވި ޞަޙާބީންގެ ޖީލު ތަރުބިއްޔަތުވެގެން ނުކުތީ ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅުންނެވެ. ފަހެ، ޢިލްމާއި ޢަމަލުގައިވެސް އެންމެ ހެޔޮ ގޮތުގައި ތިއްބެވީ އެބޭކަލުންނެވެ.
މިސްކިތްކަުގެ ދައުރުފުޅާ ކުރުމަށާއި މިސްކިތްތަކަށް ދިވެހީން ހޭލުންތެރިކުރަން ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކުން އެކި ގޮތްގޮތުން ކުރެއެވެ. މިސްކިތްތަކަށް ކުޑަކުދިންނާއި ޒުވާނުން އަހުލުވެރިކުރުވުމުގެ ޕްރޮގުރާމްތައް ހިންގުމާއި، ދީނީ ނަސޭހަތްތަކާއި ދަރުސްތައް މިސްކިތްތަކުގައި ހިންގުމާއި ޤުރްއާން ކުލާސްތައް މިސްކިތްތަކުގައި ހިންގުން ފަދަ ކަންކަމެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހު، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއް ވެއެވެ.”
އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“ރޭގަނޑުގެ އަނދިރީގައި ހިނގާފައި ގިނަގިނައިން މިސްކިތްތަކަށް ދާ މީހުންނަށް ޤިޔާމަތްދުވަހު ފުރިހަމަ އަލިކަންވާކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.”
އެހެންކަމުން ފަރުޟު ނަމާދުތަކުގެ ޖަމާޢަތަށް ރައްކާތެރިވެއްލަވާށެވެ. އަދި ޅައުމުރުން ފެށިގެން ދަރިން އެކަމަށް ހާނުވާށެވެ. ނަމާދާއި މިސްކިތުގެ ޖަމާޢަތާ ހިތްތައް ގުޅިފައިވުމީ ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު އެއް އަސާސެވެ.
އޭﷲ! އަޅަމެންނަކީ މިސްކިތްތަކާ ހިތްތައް ގުޅިފައިވާ ޞާލިޙު ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން