
ޢިލްމުވެރިންގެ މަޤާމް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 ޖުލައި 2025 - 04:50
ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ. ލަފްޒީ މާނައިގައި ޢިލްމުވެރިންނަކީ ޢިލްމެއް ލިބިފައިވާ މީހުންނެވެ.
ނަމަވެސް އިސްލާމީ ނަޒަރަކުން ބަލާނަމަ ޢިލްމުވެރިންގެ މުރާދު ތަފާތެވެ. ކީރިތި ޤުރުއާނުގައި ނުވަތަ މާތްނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައި މުޠުލަޤުކޮށް ޢިލްމުވެރިންނޭ އައިސްފައިވާނަމަ، އެއީ ޝަރުޢީ ޢިލްމު އުނގެނިގެންތިބި އިސްލާމްދީނުގެ ޢިލްމުވެރިންކަމުގައި ފަޟީލަތުއްޝެއިޚު އަލްޢައްލާމާ އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
އިސްލާމްދީނުގެ ޢިލްމުވެރިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ވަރަށް މަތީ މަޤާމެއްދެވިފައިވާ ބައެއްކަން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްތަކުން ޘާބިތުވެއެވެ. އެގޮތުން ބިންމަތީގައި ޢިލްމު ޘާބިތުވުމާއި ނުވުން ޢިލްމުވެރިންނާ ގުޅިފައިވާ ކަމުގައި ރަސޫލުﷲ صلى الله عليه وسلم ބަޔާން ކުރައްވާފައިވެއެވެ.
إن الله لا يقبض العلم انتزاعا ينتزعه من الناس ، ولكن يقبض العلم بقبض العلماء… متفق عليه
މާނަ: ”ހަމަކަށަވަރުން މީސްތަކުންގެ ހިތްތަކުގައިވާ ޢިލްމު ނެތިކުރައްވައި ފުހެލައްވައިގެން ﷲ ތަޢާލާ ޢިލްމު ނުއުފުއްލަވައެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު އުފުއްލަވަނީ ޢިލްމުވެރިންގެ މަރު ހިއްޕަވައިގެންނެވެ. “
ޢިލްމުވެރިން ﷲ ތަޢާލާގެ ވަޙްދާނިއްޔަތަށް ހެކިވެވަޑައިގަންނަވާކަން އަންގަވައި ﷲ ތަޢާލާ ކީރިތިޤުރުއާނުގައި އެއިލާހުގެ ވަޙީބަސްފުޅު ބާވާލައްވާފައިވުމުންވެސް، އެބައިމީހުންނަށް ﷲ ތަޢާލާގެ ހަޟްރަތުގައި ދެވިފައިވާ މަޤާމު އެނގިގެންދެއެވެ.
شَهِدَ اللَّهُ أَنَّهُ لا إِلَهَ إِلا هُوَ وَالْمَلائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ …سورة آل عمران الآية 18
މާނަ: ” ހަމަކަށަވަރުން ﷲ ތަޢާލާ، ޢަދުލުވެރިކަމުގައި ޤާއިމުވެ ވޮޑިގެންވާ ޙާލު އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހެއް ނުވާކަމަށް ހެކިވެ ވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުވެރިންވެސް އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެ ވޮޑިގަންނަވައެވެ. “
މި އާޔަތުގައި ތަފްޞީރުގައި ޢަލްއިމާމް އައްޝައުކާނީ ވިދާޅުވަނީ މިއާޔަތުގައި އެ ބަޔާން ކުރެވިފައިވާ ޢިލްމުވެރިންނަކީ ޤުރުއާނާއި ސުންނަތުގެ ޢިލްމު ލިބިގެން ތިބި ޢިލްމުވެރިންކަމުގެވެ.
މާތް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. (( إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ )) سورة فاطر الآية 28
މާނަ: ” ﷲ ތަޢާލާއަށް ޙައްޤު ގޮތުގައި ބިރުވެރިވާކަން ކަށަވަރީ ޢިލްމުވެރިންނެވެ. “
ކޮންމެ މުޖްތަމަޢު އެއްގައިވެސް، އެ މުޖްތަމަޢުއަކަށް ފުދޭނޭ މިންވަރަކަށް ﷲ ތަޢާލާގެ ދީނުގެ ޢިލްމުން ފިޤްހުވެރިވެފައިވާ ބަޔަކު ކޮންމެ ޒަމާނެއްގައިވެސް ތިބެން ޖެހެއެވެ. އަދި އެފަދަ ބަޔަކު ނުވާނަމަ ކޮންމެވެސް ބަޔަކު އެކަމަށް މަސައްކަތްކޮށް ދީނުގެ ޢިލްމު ޙާޞިލް ކުރަން ޖެހެއެވެ. އެއްވެސް މުޖްތަމަޢުއެއް ނުވަތަ ޤައުމެއްގައި އެންމެހައި މީސްތަކުން މި މަތިވެރި ވާޖިބުން ޣާފިލުވެގެން ތިބެއްޖެނަމަ އެންމެ އެ އެކަމުގައި މަސްއޫލުވާން ޖެހޭނެއެވެ. ނަމަވެސް ކޮންމެވެސް އެއްބަޔަކު އެކަމާއިގެން ތެދުވެއްޖެ ނަމަ އެހެން މީހުންގެ ކިބައިން އެ ފާފަ ފިލާދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ …﴿١٢٢﴾ سورة التوبة މާނަ: ” ޢަދުއްވުންނާއި ހަނގުރާމަކުރުމަށް އެންމެން އެއްކޮށް ނުކުތުމެއް މުއުމިނުންނަކަށް ނުވެއެވެ. އަދި އެމީހުންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ނުކުތް ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އެއީ އެއްބަޔަކު ﷲ ތަޢާލާގެ ދީނުގައި ފިޤުހުވެރިވުމަށްޓަކައެވެ…. “
ޢިލްމުވެރިންގެ މަޤާމަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރި މަޤާމެކެވެ. ﷲ ތަޢާލާ އެންމެހައި އާދަމުގެ ދަރީންނަކީ، އެއީ މުސްލިމެއްކަމުގައިވިޔަސް އަދި ކާފަރެއްކަމުގައި ވިޔަސް، ކަރާމާތްތެރި ބައެއްގެ ގޮތުގައިލެއްވިއެވެ. އެއަށްފަހު އޭގެތެރެއިން ބަޔަކު މަތިވެރިކުރައްވައި މަޤާމު އުފުއްލެއްވިއެވެ. އެއީ މުއުމިނުންނެވެ. އަދި އެއަށްފަހު މުއުމިނުންގެތެރެއިންވެސް ﷲ ތައާލާ، ބަޔަކު އެއަށްވުރެވެސް މަތީ މަޤާމެއް ދެއްވައި މަތިވެރި ދަރަޖަތަކަކަށް އުފުއްލެއްވިއެވެ. އެއީ އެއިލާހުގެ ދީނުގެ ޢިލްމުވެރިންނެވެ.
ﷲ ތަޢާލާގެ، އަންނަނިވި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.
يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ … ﴿١١﴾ سورة المجادلة
މާނަ: ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީމީހުން ﷲ ތަޢާލާ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވިމީހުން ދަރަޖަތަކަކަށް އުފުއްލެއްވިއެވެ… “ އެހެންކަމުން ޢިލްމުވެރިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މިފަދަ މަތިވެރިކަމެއް ދެވިފައިވާ ބަޔަކަށް ވާއިރު ޢިލްމުވެރިންނަށް އިޙްތިރާމްކޮށް ޤަދަރުކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ.
ޢިލްމުވެރިންނަކީ ﷲ ތަޢާލާ އެއިލާހުގެ އިޒްނަފުޅާއި އެކު އެކަމަށް ޚާއްސަކުރައްވާ ބައެއްކަން ކީރިތި ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘް ތަކުން އެނގެއެވެ.
ދީނީ ޢިލްމު އުނގެނޭ މީހުންނަށް ﷲ ތަޢާލާ ޘަވާބު ދެއްވައެވެ. އަދި ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެންދެއެވެ. އެގޮތުން މިބަޔާން ކޮށްލަނީ ދީނީ ޢިލްމު އުނގެނުން މުހިއްމުކަން އަންގައިދޭ ބައެއް ޙަދީޘުތަކެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· ما من رجلٍ يَسلُكُ طرِيقًا ، يَطلُبُ فيه عِلْمًا إلَّا سَهَّلَ اللهُ لهُ طريقَ الجنةِ ، و مَنْ أبْطأَ بهِ عملُهُ لمْ يُسرِعْ بهِ نَسبُهُ
މާނައީ: "އެއްވެސް މީހަކު ޢިލްމު ޙާޞިލުކުރުމަށް އެދިގެން މަގެއްގައި ކުރިއަށްދާ ކަމުގައިވާނަމަ އެކަމުގެ ބަދަލުގައި ﷲ ތަޢާލާ އޭނާއަށް ސުވަރުގެއާއި ދިމާއަށް މަގެއް ފަހިކޮށް ދެއްވައެވެ. އަދި އެމީހެއްގެ ޢަމަލު އެމީހަކު ފަހަތައް ޖައްސައިފި މީހަކު ދަންނާށެވެ. އޭނާގެ ނަސަބު އޭނާ އިސްކޮށް ނުދޭނެއެވެ."
الدرر السنية - الموسوعة الحديثية - شروح الأحاديث
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· مَن خرَج في طَلَبِ العِلمِ، كان في سَبيلِ اللَّهِ حَتَّى يرجِعَ.
މާނައީ: "ޢިލްމު ޙާޞިލުކުރުމަށްޓަކައި ނިކުންނަ މީހާ އޭނާ އެނބުރި ގެއަށް ދާންދެން ވާހުށީ ﷲ ގެ މަގުގައެވެ."
437 من حديث: (من خرج في طلب العلم، كان في سبيل الله حتى يرجع)
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.
· «مَنْ جَاءَهُ الْمَوْتُ وَهُوَ يَطْلُبُ الْعِلْمَ لِيُحْيِيَ بِهِ الْإِسْلَامَ فَبَيْنَهُ وَبَيْنَ النَّبِيِّينَ دَرَجَةٌ وَاحِدَةٌ فِي الْجَنَّةِ»
މާނައީ: އިސްލާމްދީން ދިރުވުމުގެ ނިޔަތުގައި ޢިލްމު ޙާޞިލުކުރަމުން ދަނިކޮށް އެމީހެއްގެ މަރު ޙާޟިރުވެއްޖެ މީހާ ދަންނައެވެ. ފަހެ ސުވަރުގޭގައި އޭނާއާއި ނަބީބޭކަލުންނާއި ދެމެދުގައި ވަނީ ހަަމަ އެންމެ ދަރަޖައެކެވެ."
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން