logo

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުންދޭ އަހަންމިއްޔަތު ރައީސް އަލުން ކަށަވަރުކޮށްދެއްވައިފި

profile

އާމިނަތު ޝަޒްލާ - 27 ޖޫން 2026 - 11:23

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އުފެއްދުންތެރިންނާއި، މަސައްކަތްތެރިން އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތައް ބާރުވެރިކުރުވުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.

https://wamco.com.mv/

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި، ވަނީ ދިވެހި އިޤްތިޞާދުގެ ހަގީގީ ބާރަކީ ހަމައެކަނި ބޮޑެތި ކުންފުނިތައް ނޫންކަމަށާއި، އިޤްތިޞާދީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުން ފުރުސަތު ހޯދައިދިނުމަށާއި، މާލީ ނިޒާމަކީ އެންމެންނަށް އޭގެ މަންފާ ލިބޭނެ ނިޒާމަކަށް ހެދުމަށް "މޯލްޑިވްސް 2.0" ގެ ތަޞައްވުރު ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) 15 އިންސައްތައަކީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާގެ ހިއްސާކަމުގައި ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި، މި ބަދަލުގެ މައިގަނޑު އަސާސަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ފުރުސަތުތައް މުޅި ރާއްޖެއަށް ފަތުރާލުމަށްޓަކައި ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރގެ ތަފްސީލު ދެއްވަމުން، ތާރީޚީ އަދި ސަގާފީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން ބ. ތުޅާދޫ، ދ. ރިނބުދޫ، އަދި ގދ. ގަައްދޫގައި ސަރަޙައްދީ ސަގާފީ މަރުކަޒުތައް ގާއިމުކުރެއްވުމަށާއި، އުފެއްދުންތެރި ފަންނުވެރިންނަށް ޚާއްޞަކޮށްގެން މާލޭގައި "ކްރިއޭޓަރ ހަބް" އެއް ބިނާކުރައްވާނެކަން ރައީސް އިއުލާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "އައްޑޫ ބިޒްނަސް ޑައިލޮގް" ފަދަ މަޝްވަރާތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫ ހިމެނޭ ސަރަޙައްދުގައި ރާއްޖޭގެ ފުރަތަމަ "ޓްރޭޑް އެކްސަލަރޭޝަން ޒޯން" ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ސަރަޙައްދަށް ޚާއްޞަ ލުއިތަކެއް ހިމެނޭ ޕެކޭޖެއް 2027 ވަނަ އަހަރު ތަންފީޒުކުރަން ފެށޭނެއެވެ. މީގެއިތުރުން، "އޮތެންޓިކް މޯލްޑިވްސް" ގައި ރަޖިސްޓްރީވެފައިވާ ދިވެހި އުފެއްދުންތެރިންނަށް، ދުނިޔޭގެ މަޝްހޫރު އަލީބާބާ މެދުވެރިކޮށް ބައިނަލްއަޤްވާމީ ގަންނަ ފަރާތްތަކާ ސީދާ ގުޅުވައިދިނުމުގެ އިސްތިރާތީޖީ ގުޅުމެއް ގާއިމުކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މާލީ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "އެސް.އެމް.އީ ޑިޖިޓަލް" އިނީޝިއޭޓިވްގެ ދަށުން އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރާ ފައިނޭންސިންގ ފުރުޞަތުތައް ފުޅާކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ވިޔަފާރި ހިންގުމަށް ބޭނުންވާ ރައުސްމާލާއި، ވިޔަފާރީގެ މުދަލާއި، އުފެއްދުންތެރި އިޤްތިޞާދު އަދި އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ފުރުޞަތުތައް ހިމެނެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ "ސްވައިޕް" ޑިޖިޓަލް ވޮލެޓް ފަދަ އައު އީޖާދުތަކާއެކު މާލީ ދާއިރާ ޒަމާނީވަމުންދާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ މުޢާމަލާތްތަކާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް މެނޭޖުކުރުމުގައި އަވަސް އަދި ލުއި ފަސޭހަ ގޮތްތަކެއް މަގުފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު ވަޢުދެއް ފުއްދަވައި، ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރެވިފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ބަޔާންކުރެއްވިއެވެ.

މި ކުރިއެރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދޭނެ ދެ އަހަރުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ މަޤްޞަދަކީ ހަރުދަނާ ސިޔާސަތުތަކާއި، މާލީ އެހީތެރިކަމާއި، ޑިޖިޓަލް އޮނިގަނޑެއްގެ ތެރެއިން އައު އީޖާދުތަކަކީ ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށް ބޭނުންވާ މާޙައުލެއް ޤާއިމުކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، މިކަމަށް ބޭނުންވާ އަސާސްތައް އެޅި، މިސްރާބު ސާފުކޮށް އޮތްކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ އުފެއްދުންތެރިންނަށާއި، ފްރީލާންސް މަސައްކަތްތެރިންނަށް އެމަނިކުފާނު ހެޔޮއެދުންތައް ފޮނުއްވިއެވެ.

މީގެ އިތުރުން، އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދިވެހި އިޤްތިޞާދުގެ ވަރުގަދަކަން ބިނާވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެތައް ހާސް ކުދި ވިޔަފާރިތަކެއްގެ މައްޗަށް ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި، އެންމެހައި ފަރާތްތަކަށް ފުރުޞަތުތައް ހަމަހަމަކަމާއެކު ލިބިދޭންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk