logo

އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ ބަޖެޓު ވަނީ ސާޕްލަސްވެފައި: ފިނޭންސް މިނިސްޓްރީ

profile

މުޙައްމަދު ފަޟްލޫން - 22 މޭ 2026 - 09:44

ހުސްވި އޭޕްރިލް މަސް ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ ބަޖެޓް ސާޕްލަސްވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، 30 އޭޕްރީލް 2026 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.

އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިންނެވެ.

ޓީ.ޖީ.އެސް.ޓީ. ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުމްލަ ޓެކްސް އާމްދަނީ 30 އޭޕްރީލް 2026 ގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.

ރިކަރަންޓް ހަރަދު ވަނީ 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ.

30 އޭޕްރީލް 2026 ގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރުވުމެކެވެ.

މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި، އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަންގެ ހަރަދުތައް ހުރީ ޖުމްލަ 5.3 ބިލިއަން ރުފިޔާގައެވެ.

މިއީ މިދިޔަ އަހަރަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓީ.ޖީ.އެސް.ޓީ.އިން ލިބުނު އާމްދަނީއާއެކު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ އާމްދަނީ ހުރީ ޚަރަދުތަކަށްވުރެ މަތީގައެވެ.

އެގޮތުން އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑު ކުރެވިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk