
މެންޗެސްޓާ ސިޓީ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓީ އިން ވިލަރެއާލް ބަލިކޮށްފި

ހަސަން ޝަމްއޫން - 22 އޮކްޓޯބަރު 2025 - 05:20
ޔުއެފާ ޗެންޕިއަންސް ލީގު ލީގުބުރުގައި ރޭ ރަށުން ބޭރުގައި ސްޕެއިންގެ ވިލަރެއާލް އާއި ދެކޮޅަށް މެންޗެސްޓަ ސިޓި އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ސިޓީ އިން ކާމިޔާބުކޮށްފިއެވެ.
ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި މޮނާކޯއާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ޔުވެންޓަސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. މިއީ ކުލަބަށާއި ގައުމީ ޓީމަށް ވިދިވިދިގެން ހާލަންޑް ލަނޑުޖެހި 12 ވަނަ މެޗެވެ. އަދި މި 12 މެޗުގައި އޭނާ ވަނީ 22 ލަނޑު ކާމިޔާބުކޮށްފައެވެ.
މެންޗެސްޓާ ސިޓީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ޕޯޗުގަލް ބަލިކޮށް ބްރެޒިލް ޗެމްޕިއަންކަން ހޯދައިފި
6 ގަޑިއިރު ކުރިން

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި
7 ގަޑިއިރު ކުރިން

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
21 ގަޑިއިރު ކުރިން

ފަހުވަގުތު ލީޑްސް ޔުނައިޓެޑުން ލިވަޕޫލް ހުއްޓުވައިފި
21 ގަޑިއިރު ކުރިން


