logo

ޝަރުޢީ ރުޤްޔާއާއި ސިހުރު ފަންޑިތަ

profile

ޒިދާން މުޙައްމަދު - 02 ސެޕްޓެމްބަރު 2025 - 05:27

ޝަރުޢީ ރުޤްޔާއާއި ފަންޑިތަ، ސިހުރަކީ ތަފާތު އެއްޗެކެވެ. ފަންޑިތައަކީ ދިވެހިބަހުގައި ލިޔާތަށި ތަވީދު، ކިޔަވާ ކިޔެވެލި ނުވަތަ އެކިއެކި ކަންކަމަށް ކުރާ މިބާވަތުގެ ކަންތައްތަކެވެ. ސިހުރަކީ މީހުންނަށް ގެއްލުން ދިނުމަށް ހަދާ ފަންޑިތައެވެ. ފަންޑިތައިގެ ތެރޭގައި ކާބަފައިންގެ ޒަމާނުއްސުރެ ހަދަމުން އައި އިސްތިރި ވަރިތޮޅިއާއި އެހެނިހެން ސިހުރުވެސް ހިމެނެއެވެ. ފަންޑިތަ މަނާކުރެވިފައި ވަނީ އޭގައި ޝިރުކުވެސް ހިމެނޭ ގޮތަށެވެ.

https://wamco.com.mv/

އިހު ޒަމާނުއްސުރެ އެކަން ދިވެހީންގެ ތެރޭގައި ޢާއްމުވެފައި ވަނީވެސް އެމާނައިގައެވެ. އެގޮތަށެވެ. ކަމުގެ ހަޤީގަތް ނޭނގޭތީއެވެ. ފަންޑިތަ، ސިހުރަކީ ކޮބައިކަމާއި އެބާވަތުގެ ކަންތަކުގައި ހިމެނޭ ޙަރާމް ކަންތައްތައް އެނގިފައި ނެތީމައެވެ. މިހެންގޮސް މިހާރު މިވަނީ މުޅި މުޖުތަމަޢު ފަސާދަވެ ޝިރުކުގެ ތެރެއަށް ގެނބި މިކަމުގެ ސަބަބުން މުޞީބާތްތައް ޢާއްމުވެފައެވެ. މުޞީބާތްތައް ޖެހުމުގެ އެއްމެ ބޮޑު އަސްލަކީ ޝިރުކެވެ. ޝިރުކަށް އެއްމެ ފަސޭހައިން މީހާ ވެއްޓިގެން ދަނީ ފަންޑިތަ، ސިހުރުގެ ތެރެއިންނެވެ. ޝައިޠާނާގެ ވަސްވާހަށް ހެއްލި ޝައިޠާނާއާއި އެއްބައިވެ އެބައިމީހުނާއި ވާގިވެރިވެގެން ސިޙުރުވެރިން ސިޙުރު ހަދައެވެ.

މިއާ ޚިލާފަށް ރުޤްޔާއަކީ ބައްޔެއް ރަނގަޅުކުރުމަށް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހަކު މުޞީބާތުން ސަލާމަތް ކުރުމަށް ނުވަތަ ވަކި ކަމެއް ޙާސިލްވުމަށްޓަކައި ކިޔެވޭ ކިޔެވުން ނުވަތަ ކުރާ އެފަަދަ ކަންތައްތަކެވެ. ރުޤްޔާ ޝަރުޢިއްޔާއަށް ބަލާއިރު، އެއީ ﷲގެ ކަލާމްފުޅާއި (ޤުރުއާން) ﷲގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި ބަަސްފުޅުތައް ބޭނުންކޮށްގެން ޝިރުކު ނުވާގޮތަށް ކުރާ ރުޤްޔާއެވެ. މިފަދަ ރުޤްޔާތަކަކީ ހުއްދަ އަދި ސުންނަތުން ސާބިތުވާ ކުރުން އެދެވިގެންވާ ރުޤްޔާއެވެ.

ރުޤްޔާ ހުއްދަވަނީ އަންނަނިވި ޝަރުތުތަކާ ލައިގެންނެވެ. މާތް ﷲ ތަޢާލާގެ ވަހީ ބަސްފުޅުތަކުން، އެއިލާހުގެ ސިފަފުޅުތަކުން، އެއިލާހުގެ ނަންފުޅުން ނުވަތަ ސުންނަތުން ސާބިތުވާ ދުޢާތަކުން ކިޔެވޭ އެއްޗަކަށްވުމާއި ޢަރަބި ބަހުން ކިޔެވޭ އެއްޗަކަށްވުމާއި ޝިފާ ދެއްވަނީ ﷲ ކަން ޤަބޫލުކުރުން އަދި ޝިފާ ލިބެނީ އެއްވެސް ޙާލެއްގައި ކިޔަވާ މީހާ (ރާޤީ)ގެ މޮޅުކަމުން ނޫންކަން ޢިއުތިޤާދުކުރުން އަދި ޝިރުކުުން ބަރީޢަވެގެންވާ ރުޤްޔާއެއް ކަމުގައިވުމެވެ. ޝަރުޢީ ރުޤްޔާއާ ޚިލާފަށް ރުޤްޔާކުރާ މީހުން މިޝަރުތުތަކާ ޚިލާފުވެއެވެ. އެފަދަ މީހުންނާ މެދު ސަމާލުވާށެވެ.

މިޝަރުތުތަކާ ޚިލާފަށް ކުރާ ރުޤްޔާއަށް ރުޤްޔާ ޝިރުކިއްޔާއޭވެސް ކިޔައެވެ. މިއީ ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، ފާލުބެލުމާއި، އަތްބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަ ޖެހުމާއި ، ތަވީދު އެޅުވުމާއި މިފަދަ ހުއްދަނޫން ކަންކަމަށް އަރައިގަނެ، ޤުރުއާނާއި ޝައިޠާނީ ތަކެއްޗާއި ކަންތައްތައް މަސްހުނިކޮށް ކުރާ ރުޤްޔާތަކެވެ. މިފަދަ ބާޠިލު ރުޤްޔާތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ.

ޝިރުކު ނުހިމެނޭ ނަމަ އަދި ޙަރާމް ކަމެއް އެކުލެވިގެން ނުވާނަމަ އެއީ ޝަރުއީ ގޮތުން ހުއްދަ ރުޤްޔާއެވެ. ނަމަވެސް ބައެއް މީހުން މި ފުޅާދާއިރާ ހަނިކޮށްލާ ފަދަ ގޮތަކަށް ވާހަކަދައްކައެވެ. މީގެ ސަބަބުން ސިޙުރުފަދަ ބަލިތައް ޖެހުމުން ހަދާނެގޮތް ހުސްވެ އެންމެފަހުން ދަނީ ފާލުބަލާ މީހެއް ކައިރިއަށް ނުވަތަ ނޭނގިނަމަވެސް ސިޙުރުވެރިއެއް ގާތަށެވެ. ނޭނގި ޝިރުކުގެތެރެއަށް ވަދެވެނީއެވެ.

ޝަރުޢީ ރުޤްޔާ ހުއްދަކަން އެނގޭ ދަލީލުތައް ދީނުގެ އިސް މަސްދަރުތަކުން ފެންނާން އެބަހުއްޓެވެ. އަދި ޤުރުއާނުން ފަރުވާ ކުރެވިދާނެކަމާއި އެއީ ފަރުވާ ލިބެނިވި ކަލާމްފުޅުކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

“ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآنން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.” (سورة الإسراء 82 )

މިއާޔަތުންވެސް ވަރަށް ޞަރީޙަކޮށް ޤުރުއާނަކީ ފަރުވާ އެކުލެވިގެންވާ ކަލާމްފުޅުކަން އެނގެއެވެ. ރޫޙާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ޤުރުއާނަކީ ﷲގެ ރަޙުމަތުން ފަރުވާ ލިބިދޭ ކަލާމްފުޅެކެވެ. މިފަދަ ކިތައްމެ އާޔަތެއް ޤުރުއާނުގައި ވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅުންވެސް މިކަމުގެ ދަލީލުތައް ވަރަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ. މިގޮތުން ބަލާއިރު އަންނަނިވި ދަލީލު ފުދެއެވެ.

”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ (މުސްލިމު) އަޚާއަށް ފައިދާއެއް (ރުޤްޔާއެއް ނުވަތަ ފަރުވާއެއް) ކޮށްލައިދިނުމަށް ކުޅަދާނަވެގެންވާނަމަ އެކަމެއް ކޮށްލައިދޭށެވެ.” (ރަވާޙު މުސްލިމް 5727)

“ތިޔަބައިމީހުންގެ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ! އެ ރުޤްޔާއެއްގައި ޝިރުކު ހިމެނިފައިނުވާ ކޮންމެ ރުޤުޔާއެއް ހުއްދައެވެ." (ރަވާހު މުސްލިމް)

https://wamco.com.mv/
https://www.aslu.com.mv