logo

ތަރައްޤީއަށް ބޭނުންވާ ބަޖެޓު ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ - ރައީސް

profile

ޝުރުފާ މުހަންމަދު - 22 ފެބްރުއަރީ 2024 - 00:02

---

---

މުޅި ރާއްޖޭގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ރާވާފައި ހުރި އިރު، އެ މަސައްކަތްތަކަށް ބޭނުންވާ ވަރަށް ބަޖެޓު ލިބޭނީ ރައްޔިތުންގެމަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެމަނިކުފާނަކީ ވައުދުތައް ފުއްދަވާނެ ރައީސެއް ކަމުގެ ޔަގީންކަން އަރުވާފައެވެ. އެކަމަކު އެކަމުގައި އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ދައްޗަކީ މަޝްރޫއުތައް ހިންގަން ބޭނުންވާ ވަރުގެ އެކަށީގެންވާ ބަޖެޓެއް ނެތުން ކަމަށެވެ.

އެގޮތުން މިދިޔަ ސަރުކާރުން އަންނަ އަހަރަށް ބަޖެޓު އެކުލަވާލި އިރު، މި ސަރުކާރުން ބަޖެޓަށް ކަންކަން ހުށަހަޅަން ޓްރާންސިޗަން މުއްދަތުގައި ދިނީ އެންމެ 10 ދުވަސް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދުވަސްތަކުގެ ތެރޭގައި ވެސް ބޮޑެތި މަޝްރޫތަކާއި ބަޖެޓުތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު ރަސްމާލެ ޕްރޮޖެކްޓު ބަޖެޓުން އުނިކޮށްފައިވާކަން މިސާލަކަށް ނަންގަވާ ވިދާޅުވީ އެ ބަޖެޓަކީ މި ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ފާސްވި ބަޖެޓެއް ނޫން ކަމަށެވެ.

"ސަރުކާރަށް ތާއިދުކުރާ މެމްބަރުންތަކެއް ތިބި. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއްގެ މެޖޯރިޓީ އޮތް މަޖިލީހެއްގެ މުހިންމުކަން ދަންނަވަން ވެގެން ބަޖެޓު ފާސްވި ގޮތް ވެސް މި ދަންނަވާލީ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު މެމްބަރުންނަށް ހޯދަން ޖެހެނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ. އެއީ ސިޔާސީ ވާހަކައަކަށް ނުވަނީ ވެސް ރައްޔިތުން ބޭނުންވާ ތަރައްގީ އާއި، އެކަމާ އޮތް ގުޅުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގެމަނަފުށީގެ ތަރައްގީ އަށް އޮތް ޕްލޭންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ރަށަށް ވަޑައިގެން ރަށު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ސާފުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ރަށުގެ ބަނދަރު ބޮޑުކޮށްދިނުމާއި، މަގުތައް ތަރައްގީކުރުމާއި، ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރަށް ބޯހިޔާވަހިކަމަށް ބޭނުންވާ ބިން އިތުރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅިވިއެވެ.

tel:+9607331319