
މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި ދެމިހުންނާނަން: މޭޔަރ އާދަމް ޢާޒިމް

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 09:43
މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން މާލޭ މަސްމާރުކޭޓުގައި މަސްވެރިންގެ ފަރާތުން ބޭއްވި ގުޅުން ބަދަހި ކުރުމުގެ ކެއުމުގައި މޭޔަރ އާޒިމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެކސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިން ބޭއްވި ކެއުމުގައި ބައިވެރިވެ ގިނަ އަދަދެއްގެ މަސްވެރިންނާއި އެއް ތަނަކުން ބައްދަލުވެ ވާހަކަދެކެވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިން ބޭއްވި އެކުވެރިކަމުގެ ކެއުމުގައި ބައިވެރިވެ ގިނަ އަދަދެއްގެ މަސްވެރިންނާއި އެއް ތަނަކުން ބައްދަލުވެ ވާހަކަދެކެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން" : ޢާޒިމް
މަސްވެރިންގެ މަސައްކަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން މޭޔަރ ޢާޒިމް ވަނީ މަސްވެރިންނާއި، މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ހުރިހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ވަންދެން، ދިވެހި އިޤުތިޞާދު އެ މަސައްކަތަށް ހަމައެކަނި ބިނާވެފައިވާ އެންމެ ގަދީމީ މަސައްކަތް ކަމަށާއި، 99 ޕަސެންޓް ކަނޑުގެ ގޮތުގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި މިއަދު ވެސް އެންމެ ފުޅާކުރެވެން އޮތް ސިނާޢަތަކީ މަސްވެރިކަމުގެ ސިނާޢަތް ކަމުގައި މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި މަސްވެރިންގެ މަސައްކަތުގައި ބަރަކާތް ލައްވައި، މަސްވެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދޭކަމަށް ވެސް މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި ވަނީ ރ. ދުވާފަރުގައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
8 ގަޑިއިރު ކުރިން

ލޮއާކާ ބްރޭންޑަށް 100 އަހަރު ފުރުން ފާހަގަ ކުރަން ޔޫރޯސްޓޯރުން އިވެންޓެއް ބާއްވައިފި
8 ގަޑިއިރު ކުރިން
ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި
8 ގަޑިއިރު ކުރިން

ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފި
8 ގަޑިއިރު ކުރިން


