logo

ފަތުރުވެރިކަމުގެ ނުނިމިހުރި މަޝްރޫޢުތަކާ ގުޅޭ އައު ގަވާއިދެއް!

profile

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 11:36

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކުގެ އިތުރުން ބިންތަކުގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު އަމަލުކުރާނެ ގޮތުގެ އައު ގަވާއިދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ޝާއިއުކޮށްފިއެވެ.

https://wamco.com.mv/

މި ގަވާއިދުގެ ދަށުން، އަށް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުންތައް އުވާލުމަށް ވަނީ ކަނޑައަޅާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށް ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް އެބައޮތެވެ. މީގެ ތެރޭގައި ބައެއް ތަންތަން ދޫކުރިތާ 25 އަހަރަށް ވުރެ ދިގު މުއްދަތެއް ވީއިރުވެސް އޮޕަރޭޝަނަށް ގެނެވިފައެއް ނުވެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން ވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށާއި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރަމުންދާ ކަމެކެވެ. އެގޮތުން، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ މުހިންމު ބޮޑެތި އާމްދަނީތައް ދައުލަތަށް ގެއްލިގެންދާއިރު، އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ލިބެންޖެހޭ ވަޒީފާގެ އެތައް ފުރުޞަތުތަކެއް ވެސް ދަނީ ހަނިވަމުންނެވެ. މީގެއިތުރުން، ދައުލަތުގެ އަގުހުރި މިފަދަ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ދިގު މުއްދަތަކަށް ތާށިވެފައި އޮތުމަކީ ގައުމުގެ އިގްތިޞާދީ ކުރިއެރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ.

މި މައްސަލަތަކަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށް އެކުލަވާލި އައު ގަވާއިދުގައި ގިނަ ކަންތައްތަކެއް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި:

  1. ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގެ އުސޫލުތައް.
  2. ރީ-ޑިވެލޮޕްމަންޓަށް ތަން ބަންދުކުރުމުގެ މުއްދަތު ދިނުން.
  3. ކުލި ފަސްކުރުމާއި، ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ މިންގަނޑުތައް.
  4. ތަރައްގީނުކޮށް ގިނަ ދުވަސް ވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ ޚާއްޞަ އިޖުރާއާތުތައް.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފުވެފައިވާ ބައެއް ތަންތަނުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ ކަމަށެވެ. އަދި ހަމައެއާއެކު، މަސައްކަތް ހުއްޓިފައިވާ ބައެއް މަޝްރޫއުތައް އަލުން ފެށި، ވީއެންމެ އަވަހަކަށް އެ ތަންތަން އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319