ބަޖެޓް ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދަނީ
ޝުރުފާ މުހައްމަދު - 13 ނޮވެމްބަރު 2024 - 05:09
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށްގެންދަން ނިންމައިފިއެވެ.
މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތް ކަމަށްވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކޮށްފައިވަނީ ބަޖެޓާ ގުޅޭ ބަހުސްގެ މަސައްކަތެވެ.
ބަހުސް ފެށުމުގެ ކުރިން މިއަދު ވަނީ އެ ބަހުސްގައި ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުން ވާހަކަދައްކަވާ ނިމެންދެން މިރޭ 11 އާ ހަމައަށް ވަގުތު އިތުރު ކުރުމަށާއި، މާދަމާ ވެސް ވާހަކަދައްކަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ދިނުމާއި މެދު ވޯޓަކަށް އަހާފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރެއާ ހަމައަށް ވަގުތު ދަންމާލަން ހުށަހެޅީ ހުސް ވަގުތައް ތަންދެމުން ބަޖެޓު ބަހުސްގައި ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، ބަޖެޓާއި މެދު މެމްބަރުންގެ މެދުގައި ކުރާ ބަހުސް ފަށާފައި ވަނީ އިއްޔެ އެވެ. އެކަމަކު ބަޖެޓް ބަހުސް ފެށުނު އިރު މެމްބަރުންނަށް ބަޖެޓް ފޮތް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ، އިއްޔެ ގިނަ މެމްބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އިއްޔެގެ ބަހުސް ވަނީ ގާތްގަނޑަކަށް ދޮޅު ގަޑި އިރެއްހާއިރު ތެރޭގައި ނިމިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން