
މެޗުގައި ސިޓީގެ ދެ ލަނޑު ޖެހީ ސަވިންހޯ އާއި ހާލަންޑް: ފޮޓޯ-މެންޗެސްޓަރ ސިޓީ
މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

ހަފްސީ އަބްދުﷲ - 29 ޑިސެމްބަރު 2024 - 19:15
ނަތީޖާތަށް އިންތިހާއަށް ދަށެވެ, މޮޅެއް ނުލިބި ދުވަސްތަކަކަށް ފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅު ވެއްޖެއެވެ.
ރެލިގޭޝަންގައި އޮތް ލެސްޔޓަރ ސިޓީ އަތުން މެންޗެސްޓަރ ސިޓީ ހޯދި މޮޅަކީ އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން ހޯދުނު ދެވަނަ މޮޅެވެ. މިމޮޅަކީ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަންވެސް ޗެމްޕިއަން ސިޓީއަށް އެކަްށީގެންވާ މިންވަރެއް ނޫނެވެ. ލެސްޓަރ ސިޓީ އަތުން މެންޗެސްޓަރ ސިޓީ މޮޅުވީ 2-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީ އަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ސަވިންހޯ އެވެ. ދެވަނަ ލަނޑު 74 ވަނަ މިނިޓްގައި ސަވިންހޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ހާލަންޑެވެ.
މޮޅާއެކު ސިޓީ އަށް އަދި ލިބެނީ ތާވަލްހެ 5 ވަނަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލެސްޓަރ ސިޓީގެ ދަނޑަށް މެންޗެސްޓަރ ސިޓީ ގޮވައިގެން ގާޑިއޯލާ ނިކުއިން މެޗަކީ އޭނާ ސިޓީއަށް އިރުޝާދު ދިން 500 ވަނަ މެޗެވެ. މިމޮޅާއެކު ގަދަ ހަތަރެއްގެ ތެރެއަށް ނުވަދެވުނަސް ދަށް ނަތީޖާތަކުގެ ސިލްސިލާއަށް ނިމުމެއް ގެންނަން މިއީ ސިޓީއަށް މުހިއްމު މޮޅެކެވެ.
އެއްވަނައިގައި އޮތް ލިވަޕޫލުން ފަރަގު ބޮޑުކުރީ މިރޭ ވެސްޓް ހޭމް ބަލިކޮށްގެންނެވެ. ލިވަޕޫލުން ވެސްޓް ހޭމްގެ މައްޗަށް ކުރިހޯދީ 5-0 ގެ ބޮޑު މޮޅެއް ހޯދައިގެންނެވެ. ލިވަޕޫލްގެ ލަނޑުތައް ޖެހީ ލުއިސް ޑިއާޒް, ކޯޑީ ގަކްޕޯ, މުހައްމަދު ސަލާހު, އެލެގްޒެންޑަރ އާނޯލްޑް އަދި ޖޮޓާ އެވެ.
ލިވަޕޫލް އެެއްވަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ 19 މެޗުން 37 ޕޮއިންޓާއެކު ނޮޓިންގހަމް ފޮރެސްތެވެ. މެންޗެސްޓަރ ސިޓީ ފަސް ވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ.






