logo

ކްރިމިނަލް ކޯޓުން ބެލި މައްސަލަތަކުގެ 80 އިންސައްތަ މައްސަލަ ސާބިތުވި

profile

ޝުރުފާ މުހަންމަދު - 21 ސެޕްޓެމްބަރު 2024 - 19:24

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މިދިޔަ މަހު ކްރިިމިނަލް ކޯޓުން ބެލި މައްސަލަ ތަކުގެ ތެރެއިން 80 އިންސައްތަ މައްސަލާގައި ކުށް ސާބިތުވެފައިވާ ކަމަށް އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖުމްލަ 1245 މައްސަލަ އެ ކޯޓުން ތާވަލްކޮށްފައިވެ އެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް އިސްކަން ދީފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

ތަފާސްހިސާބުތަކުގައިވާގޮތުން އޯގަސްޓު މަހު 236 މީހެއްގެ ބަންދާމެދު ގޮތެއް ނިންމާފައިވާއިރު އޭގެ ތެރެއިން 93 އިންސައްތަ މައްސަލަ ނިންމާފައި ވަނީ ބަންދު ދެމެހެއްޓުމަށެވެ. އެ ކޯޓުން ބުނީ ކޯޓަށް ހާޒިރުވުމަށް 4،072 މީހަކަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ޖުމްލަ 159 ކޯޓު އަމުރު އެ ކޯޓުން ނެރެފައިވާއިރު، ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ޖުމްލަ 11 ގާޒީންނެވެ. އެގޮތުން ޝަރީއަތްތައް ކުރިއަށް ގެންދިޔައީ 6 މާލަމުގައި ކަމަށާއި، އެވަރެޖްކޮށް ކޮންމެ ސެކްޝަނަކަށް ވެސް އަޑުއެހުންތައް ބާއްވަން ލިބުނީ 11 ދުވަސް ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. ޝަރީއަތްތައް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު ކޮންމެ ގާޒީ އަކު ވެސް ދުވާލަކަށް 10 އަކަށް ވުރެ ގިނަ މައްސަލަ ބެލިކަން އެ ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ވަސީލަތްތައް މަދުވުމުގެ ސަބަބުން ޝަރީއަތްތައް ނުބޭއްވި ލަސްވުމާއި މައްސަލަތައް ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން އޮތް އިރު އެކަން ހައްލުކުރުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.


tel:+9607331319