logo

ޑްރަގް ވިޔަފާރި ކުރި ހަތަރު މީހަކު ޖަލަށްލާ 1.5 މިލިއަން ރުފިޔާ ދައުލަތަށް ނަގަނީ

profile

ޝުރުފާ މުހައްމަދު - 17 އޮކްޓޯބަރު 2024 - 13:28

މަސްތުވާތަކެތީގެ މައްސަލާގައި ހުކުމް ކުރި ހަތަރު މީހުން----

މަސްތުވާތަކެތީގެ މައްސަލާގައި ހުކުމް ކުރި ހަތަރު މީހުން----

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މައްސަލައެއްގައި 4 މީހަކު އުމުރަށް ޖަލަށްލާ ބޮޑު ޖޫރިމަނާއެއް ކޮށްފި އެވެ.

މި މައްސަލަ އަކީ 2021 ވަނަ އަހަރު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 3 ފިރިހެނުންނާއި އަންހެނެކެވެ. މި 4 މީހުންނަކީ ވެސް ދިވެހިންނެވެ. އެއީ:

  • ހަސަން ލޫތު، ގދ.ތިނަދޫ

  • ހަސަން ރަޝީދު، ހުޅުމާލެ

  • އިސްމާއީލް ޝަރީފް، ތ.ތިމަރަފުށި

  • ޝާނިޔާ އިބްރާހީމް، މާލެ

އެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލާގައި ފުލުހުން ބަލާ ފާސްކުރި އިރު ވަރަށް ގިނަ އަދަދެއްގެ ފައިސަ އަތުލައިގެންފައި ވެއެވެ. އެގޮތުން މައްސަލައިގައި ހިމެނޭ ލޫތު ދިރިއުޅޭ ތަނުން1،466،000ރ. ފެނުނެވެ. އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ގެސްޓް ހައުސްއަކުން ހައްޔަރުކުރި އިރު، އެ ދެމީހުންގެ އަތުން ވެސް 68،875ރ. އާއި އޮޕަރޭޝަން ކުރިއަށް ދަނިކޮށް މީހަކު އައިސް އޭނާއާ ހަވާލުކުރި 7،800ރ. ވެސް އަތުލައިގެންފައިވެ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި މި މައްސަލާގެ ހުކުމް ކުރުން ކުރިއަށް ދިޔަ އިރު، ކޯޓުން ވަނީ އެ ހަތަރު މީހުން ވެސް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އަދި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހޯދާފައިވާ ހުރިހާ ފައިސާއެއް ވެސް ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރަށް ޖޫރިމަނާ ވެސް ކޮށްފައިވާއިރު މައްސަލާގައި ހިމެނޭ ހަސަން ލޫތު ވަނީ 2 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. ހަސަން ރަޝީދު 1 މިލިއަން އަދި އިސްމާއިލް ޝަރީފް އާއި ޝާނިޔާ އިބްރާހީމް 500،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

https://wamco.com.mv/
tel:+9607331319