logo

ބަޣާވާތާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަންނަނީ

profile

އާމިނަތު ޝަފާ - 28 އޯގަސްޓު 2024 - 17:16

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ލިމިޓް އުވާލަން ނިންމުމާއެކު ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން އުޅުނު މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް ފުލުހުން ބުނީ މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ލިމިޓް އުވާލަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީކަމަށެވެ.

އެގޮތުން ކާޑު ލިމިޓްތަކަށް ގެންނަން ނިންމި ބަދަލުތަކަކީ:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ .
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.

  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.

ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމުމާ ގުޅިގެން އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމަށް ތުހުމަތުކޮށް އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުންވަނީ ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހަމަ އެވަގުތު ސޯޝަލް މީޑިއާގެ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ބޭންކުގެ ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅުނީ ވަރަށް ދުރާލާ ރާވައިގެން ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު މެޖޯރިޓީ އޮތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވަނީ ހަތަރު ޑިރެކްޓަރުން ކަމަށެވެ.

ބީއެމްއެލްއިން ގެނައި ކުއްލި ބަދަލާއެކު ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް އެ ނިންމުން ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

tel:+9607331319