logo

ގައުމު ކުޑަޔަސް ދިވެހިންގެ އަޑު މަޑުނޫންކަން ސާބިތުކޮށްދެއްވައިފި: އަބްދުއްރަހީމް

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 11:01

އަބުދުއްރަހީމް ރައީސްއާއެކު

އަބުދުއްރަހީމް ރައީސްއާއެކު

ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ދައްކުވައިދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

އދ ގައި ރައީސް މުއިއްޒު ދެއްވި ތަގުރީރަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބުދުއްރަހީމް ވިދާޅުވީ ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް ސާބިތުކޮށްދެއްވާފައިވާ ކަމަށާއި ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާއި ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލެއްވީ ހުއްޖަތާއި ދަލީލުތައް ދައްކަވައި ދިވެހީން ފަޚުރުވެރިކޮށްދީފިކަމަށެވެ.

މި ތަގުރީރަށް ފަހުރުވެރިވާކަން ހާމަކޮށް ސަރުކާރު ހިންގާ ޕީއެންސީން ނެރުނު ބަޔާނެއްގައިބުނީ އެ ތަގުރީރަކީ ރާއްޖެއާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވާ ވަށާޖެހޭ ތަސައްވުރާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި، މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަށް ޝާމިލު ތަގުރީރެއް ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ ތާރީޚީ މުނާސަބާ އިހުތިފާލުކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުކުރެވިފައިވާ ގައުމަކަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހީންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް ރޭ އިއުލާން ކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ހަބަރެއް ކަމަށް ޕީއެންސީގެ ބަޔާނުގައި ވެއެވެ.

އަދި ދިވެހިރާއްޖޭގެ އިޤްތިސާދަކީ ވިލުންތެރި އިޤްތިސާދަކަށް ބަދަލުކުރެއްވުމަށް އައު ސިނާއަތްތައް ތައާރަފްކުރެއްވައި މާލީ ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެއްވުމަށް ޑިވެލޮޕްމަންޓު ބޭންކު ޤާއިމުކުރެއްވުމާއެކު، އެންމެންނަށް ހަމަހަމަކަމާއެކު ފުރުސަތު ލިބޭ އިޤްތިސާދެއް ބިނާކުރައްވަން ގެންގުޅުއްވާ ސިޔާސަތުތަކާއި ހުރިހާ ދިވެހީންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ތަސައްވުރާއި، ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިއުލާން ކުރެއްވުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމުގައި އެ ޕާޓީން ފާހަގަކުރިއެވެ.

ދުނިޔޭގެ ހާލަތަށް އަލިއަޅުވައިލައްވައި 2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލްކުރުމުގައި ދުނިޔެ ނާކާމިޔާބުވަމުންދާ ކަމާއި، ހުސްވައުދުތަކުގެ މަތީގައި ދެމިތިބެވެން ނެތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އިލްތިމާސް ކުރައްވާފައި ކަމަށާއި މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސް ކުރަމުންދާ ފަލަސްތީނުގެ މައްސަލައިގައި އިސްރާއީލުން ހިންގަމުންދަނީ ޓެރަރިޒަމުގެ އަމަލުތަކެއް ކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ މުއާހަދާތަކާއި ޚިލާފު އެ އަމަލުތަކާމެދު އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުއަށް ހަރުއަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިޔަކުމެ ރައީސް ޑރ. މުއިއްޒުއާ މެދު ފަޚުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލު ފުޅެއް ކަމަށް ޕާޓީން ފާހަގަކުރެއެވެ.

ރައީސް ދެއްވި ތަގުރީރަކީ ރާއްޖެއަކީ ކުޑަނަމަވެސް ބައިނަލްއަޤުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި، ހައްޤު ބަސް ބުނެ ރާއްޖޭގެ އުއްމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެއް ކަމަށްވާތީ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ރައީސް މުއިއްޒުއަށް މަރުހަބާ ދަންނަވައި ދިވެހީންގެ އިހުސާސްތައް ބައިނަލްއަޤުވާމީ މަސްރަހުގެ އެންމެ އުހުގައި ތަމްސީލުކޮށްދެއްވިކަމަށް ޓަކައި ޕީއެންސީން ވަނީ ރައީސްއަށް ޝުކުރު އަދާކޮށްފައެވެ.

ރައީސްގެ ތަގުރީރު ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.

https://wamco.com.mv/
tel:+9607331319