.webp&w=3840&q=75)
ޤަޠަރުގެ އަމީރު މަތިވެރި އާލާގެންފާނު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ، އީރާނުގެ ރައީސް ޑރ. މަސްޢޫދު ޕެޒެޝްކިއާނާ,, ފޮޓޯ: ގަލްފް ޓައިމްސް
ޤަޠަރުގެ އަމީރު، އީރާނުގެ ރައީސް އާއި ބައްދަލުކުރައްވައިފި

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 11:25
ޤަޠަރުގެ އަމީރު މަތިވެރި އާލާގެންފާނު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ، އީރާނުގެ ރައީސް ޑރ. މަސްޢޫދު ޕެޒެޝްކިއާނާ ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.
ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރަޝިޔާގެ މޮސްކޯގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ "ގޭސް އެކްސްޕޯޓިންގ ކަންޓްރީޒް ފޯރަމް" (ޖީ.އީ.ސީ.އެފް) ގެ އިސްވެރިންގެ އަށްވަނަ ސަމިޓުގެ ހަވާސާގައެވެ. މި ބައްދަލުވުން އޮތީ މޮސްކޯގައި ހުންނަ ޤަޠަރުގެ އަމީރުގެ މެހެމާންޚާނާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ވެރިން ވަނީ މެދުއިރުމައްޗާއި ސަރަޙައްދީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައިގެ މަޝްވަރާތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ދެބޭފުޅުން ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ހަކަތައިގެ މައި ދޮރޯށްޓެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތާއި، ދުނިޔޭގެ ބާޒާރަށް ހަކަތަ ފޯރުކޮށްދިނުމުގެ ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ޖީ.އީ.ސީ.އެފް ސަމިޓުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަމާ މެދު ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި މުހިންމު ބައްދަލުވުމުގައި ޤަޠަރުގެ ފަރާތުން ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ އާއި، އަމީރީ ދީވާނުގެ ޗީފް ޢަބްދުﷲ ބިން މުޙައްމަދު އަލްޚުލައިފީގެ އިތުރުން ޤަޠަރުގެ އިސް ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި އީރާނުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި، ރައީސްގެ އޮފީހުގެ އިސްވެރިޔާ މުޙްސިން ޙާޖީ-މިރްޒާއީގެ އިތުރުން ސަރުކާރުގެ އިސް ވެރިންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
9 ގަޑިއިރު ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
11 ގަޑިއިރު ކުރިން

ރާއްޖެއާއި ކުވައިތުގެ އިސްލާމީ ވަޒީރުން ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި
11 ގަޑިއިރު ކުރިން

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފި
11 ގަޑިއިރު ކުރިން


