logo
 ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު, ފޮޓޯ: ފުލުހުން

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު, ފޮޓޯ: ފުލުހުން

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ

profile

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 13:36

ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެ، މިއަދުގެ ފުލުސް އޮފިސަރުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ" އަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކޮމިޝަނަރ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. "ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިންގ ސޭފަރ ކޮމިއުނިޓީސް ޓުގެދަރ" ގެ ޝިއާރުގެ ދަށުން ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި، މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުންކަމަށް ސީޕީ ވިދާލުވިއެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް (އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ އަކަށް) ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި މަހާސިންތާގެ ތެރެއިން ހުށަހެޅިގެންދާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށާއި، މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ކޮމިޝަނަރ ވަނީ، މި މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއީ ލަނޑުދަނޑި ހާސިލުކުރުމަށް އޮތް ހުރަހަކަށް ވިޔަނުދެއްވައި، މަސައްކަތުގެ ފޯކަސް ނުގެއްލޭނެހެން ކޮންފަރެންސްގެ ބަހުސްތައް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތް މިހާރަށްވުރެ ފުރިހަމަކުރުމަށް ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319