
ރަމަޟާން މަހު މާލެ ސިޓީ ކައުންސިލުން ބޭއްވި މަދަޙަ ކިޔުމުގެ މުބާރާތުގެ ތެރެއިން، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 13:36
1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މާލެ ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ގިނަ ބެލެނިވެރިންތަކެއްގެ އެދުމުގެ މަތިން ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ 08 ނޮވެންބަރު 2026 އިން ފެށިގެން 11 ނޮވެންބަރު 2026 ގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް ކައުންސިލްގެ ޕޯޓަލް (competitions.malecity.gov.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ދެ ގޮތްޕަކަށެވެ. އަދި މަދަޙަ މުބާރާތާއި ޤުރުއާން މުބާރާތް ވެސް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ. މީގެ ތެރެއިން 9 އަހަރާއި 11 އަހަރުން ދަށް ޖޫނިއަރ ގްރޫޕުގައި ހިމެނޭއިރު، 13 އަހަރާއި 16 އަހަރު އަދި 19 އަހަރުން ދަށް ހިމެނެނީ ސީނިއަރ ގްރޫޕުގައެވެ. ކޮންމެ ދަރިވަރަކަށް ވެސް ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ އެއް އުމުރުފުރާގެ އެއް ގޮފީގައެވެ.
މި ދެ މުބާރާތުގައި ވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ކިޔެވުމާއި މަދަޙައަށް އިންސާފު ނުކުރާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މި އުމުރުފުރާގެ ދަރިވަރުންނަށް ޤުރުއާން ކިޔެވުމުގައި ޚަތިމުން ބޭނުން ކޮންމެ ތަނަކުން 5 އާއި 7 ފޮޅުވަތާ ދެމެދުގެ މިންވަރެއް ކިޔެވޭނެއެވެ. 6 އަހަރުން ދަށް ފިޔަވައި އެހެން ކޮންމެ އުމުރުފުރާއަކުންނާއި ގްރޫޕަކުން އަދި މުޅި މުބާރާތުން 1 ވަނަ އިން ފެށިގެން 5 ވަނައަށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތަކުން ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް އަގުހުރި ފައިސާގެ އިނާމުތަކަކާއި ހަނދާނީ ފިލާ އަދި ސެޓްފިކެޓް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. އެގޮތުން، ކޮންމެ އުމުރުފުރާއެއްގެ ކޮންމެ ގޮތްޕަކުން 1 ވަނައަށް 10،000 ރުފިޔާއާއި ޓްރޮފީ، 2 ވަނައަށް 7،000 ރުފިޔާއާއި ޕްލާކް، 3 ވަނައަށް 5،000 ރުފިޔާއާއި ޕްލާކް، 4 ވަނައަށް 3،000 ރުފިޔާ އަދި 5 ވަނައަށް 2،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ސީނިއަރ އަދި ޖޫނިއަރ ގްރޫޕުން 1 ވަނައަށް 15،000 ރުފިޔާއާއި ޓްރޮފީ، 2 ވަނައަށް 10،000 ރުފިޔާއާއި ޕްލާކް، 3 ވަނައަށް 7،000 ރުފިޔާއާއި ޕްލާކް، 4 ވަނައަށް 5،000 ރުފިޔާ އަދި 5 ވަނައަށް 3،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، 1 ވަނައަށް 50،000 ރުފިޔާއާއި ޓްރޮފީ، 2 ވަނައަށް 25،000 ރުފިޔާއާއި ޓްރޮފީ، 3 ވަނައަށް 15،000 ރުފިޔާއާއި ޓްރޮފީ، 4 ވަނައަށް 7،000 ރުފިޔާއާއި ޕްލާކް އަދި 5 ވަނައަށް 5،000 ރުފިޔާއާއި ޕްލާކް ދިނުމުގެ އިތުރުން، ވަނަތައް ހާސިލުކުރާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތަކުގެ އުޞޫލުތަކާއި ކިޔަވަންޖެހޭ މުޤައްރަރު ކައުންސިލްގެ އިޢުލާނާއެކު އާންމުކޮށްފައިވާއިރު، މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ސިޓީ ކައުންސިލްގެ ކޯލް ސެންޓަރު ނަންބަރު 1622 އަށް ގުޅުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
2 ގަޑިއިރު ކުރިން
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި
4 ގަޑިއިރު ކުރިން


