
އަދާލަތު ޕާޓީގެ ރައީސް އައްޝައިހް މުހައްމަދު ޝިފާން
އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި

މުޙައްމަދު ފަޟްލޫން - 08 ނޮވެމްބަރު 2026 - 13:36
ދިވެހި ރާއްޖޭގައި އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއްމުވި މައްސަލަ އަދާލަތު ޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރާ ރިސޯޓެއްގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް އެއްޖިންސުގެ ދެމީހަކު ކައިވެނިކުރުމުގެ ހަރަކާތްތަކެއް ހިންގުމާއި އެކަން މީޑިއާގައި ފަތުރަމުންދާ ދިއުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަތީމަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި ދިވެހި ގާނޫނުތަކުން އެއްޖިންސުން ގުޅުން ހިންގުމާއި އެފަދަ އެއްޖިންސުން ކައިވެނި ކުރުމަކީ މުޅިން މަނާ އަދި ޖިނާއީ ބޮޑު ކުށަކަށްވާއިރު ފަތުރުވެރިކަމުގެ ނިވާފަތްގަނޑުގައި އެފަދަ ބާތިލް އަދި ފާހިޝް އަމަލުތައް ހިންގުމަކީ އިސްލާމީ އަގީދާ އާއި ގައުމުގެ ސަގާފަތާއި އާދަކާދަ އަށްދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރިސޯޓްތަކަކީ ދިވެހިރާއްޖޭގެ އިހްތިސާސް ހިނގައި ބިންތަކެއްކަން ފާހަގަކޮށް އެތަންތަނުގައި އިސްލާމް ދީނުގެ ހުރުމަތް ކަނޑައި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ބޮޑެތި ޖަރީމާތަކާއި ކުށްތަކަށް މަގުފަހިވާނެ ފަދަ އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ،
އިސްލާމް ދީނާއި އިންސާނީ ފިތުރަތާވެސް ހިލާފު ބޮޑެތި ފާހިޝް އަމަލުތައް ފާޅުގައި ކޮށް އާއްމު ކުރުމަކީ މާތް ﷲ ގެ ކޯފާއަް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އިން ފެނިގެންދަނީ ރާއްޖޭގެ ރިސޯޓެއްގައި ބޭރުގެ ދެ ފިރިހެނަކު އެއްޖިންސުން ކައިވެނިކޮށްދޭ ހަފްލާ ދައްކުވައިދޭ މަންޒަރެވެ.
މި ވީޑިއޯ އާއްމުވުމާއި ގުޅިގެން ފުލުހުންވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ދަންނަ އަދި ހުއްދަކުރާ ކަމެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އައިމަން 30 ދުވަހަށް ބަންދުކޮށްފި
4 ގަޑިއިރު ކުރިން


