logo

ހުކުރު ޚުޠުބާ: ރަނގަޅު ޢާއިލާއެއް ބިނާކުރުން

profile

ޒިދާން މުޙައްމަދު - 29 އޯގަސްޓު 2025 - 08:30

މާތް اللّٰه އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތައް ގިނަގުނައެވެ. އެ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވުނު ކަމުގައިވިޔަސް އެ ނިޢުމަތްތައް ދަނީ އިތުރުވަމުންނެވެ. އެކަނލާގެ ވަޙީކުރައްވައިފައި ވެއެވެ.

https://wamco.com.mv/

މާނައީ: "اللّٰهގެ نعمةތައް ތިޔަބައިމީހުން ގުނާ ނަމަ، ތިޔަބައިމީހުންނަކަށް އެ نعمةތައް عددއެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكرކުރުން ނެތް މީހެކެވެ." اللّٰه تَعَالَى ދެއްވި މި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިޢުމަތަކީ ކައިވެނީގެ ނިޢުމަތެވެ. ކައިވެންޏަކީ اللّٰه تَعَالَىގެ ޙިކުމަތްވަންތަކަން ދަލީލުކޮށްދޭ ހެކިތަކުގެ ތެރެއިން ހެތްކެއްވެސް މެއެވެ. މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ.

"ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ نفسތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

اللّٰه تَعَالَى ދެއްވި މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާއެވެ. ޢާއިލާއަކީ ދުންޔަވީ ޙަޔާތުގެ މުޑުވަކެވެ. ޢާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެއެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެކެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގަލެވެ.

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެންނެވެ. ޢާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް، ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވެގެންނެވެ. ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެންނެވެ.

ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް ޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ވަނީ ދޭން ޖެހިފައެވެ. ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށް ޓަކައި ހުޅުވޭނެ އަމާން ދޮރެކެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސްވާޖިބުކަމުގައި ހައްދަވައިފައިވެއެވެ. މި ކަން ބަޔާންކުރައްވައި މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އަދި އެ ކަމަށް إبراهيمގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصيةކުރެއްވިއެވެ. އަދި يعقوبގެފާނު ވެސް މެއެވެ. އޭ އަހުރެންގެ ދަރީންނޭވެ! ހަމަކަށަވަރުން، اللّٰه ތިޔަބައިމީހުންނަށް ޓަކައި دين ހޮއްވަވައި خيارކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެ ތިބޭ حالގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އަދި لقمانގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللّٰهއަށް ތިބާ شَرِيْكނުކުރާށެވެ! ހަމަކަށަވަރުން، شَرِيْكކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."

ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެންނެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެއެވެ.

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެންނެވެ. އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެންނެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހައި މެމްބަރުންގެ ޢަމަލުތައް ބަހައްޓައިގެންނެވެ.

އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ކޮންމެ މަޔަކާއި ބަފަޔަކު، ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާ އެއް ގޮތަށް ޢަމަލުކުރުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ. ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ اللّٰه تَعَالَىގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމަށް ދަރީންނަށް ދަސްކޮށްދީގެންނެވެ. އަދި މުންކަރާތްތަކުން ދުރުވާނެ ގޮތްތައް ދަސްކޮށްދީގެންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ އެއަށް ޢަމަލުކުރާންޖެހޭ ޙުކުމްތަކެއްކަން ދަރީންނަށް ދަސްކޮށްދީގެންނެވެ. ޢާއިލާގެ އެންމެ އަގުބޮޑު ޖަވާހިރުތައްކަމުގައިވާ ދަރީންނަކީ اللّٰه تَعَالَى ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އަދި އެހައިމެ ބޮޑު މަސްއޫލިއްޔަތެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރީން، ނަރަކައިން ސަލާމަތްކުރާށެވެ!" އަދި މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގަވެއެވެ. "ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރިއެކެވެ. އެ މީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ މެދު އެމީހަކާ ސުވާލު ވެވޭނެ މީހެކެވެ..."

މި އާޔަތުގެ މުރާދަށް ވިސްނާލުމުން އެނގެނީ ޢާއިލާގެ ކޮންމެ ފަރުދަކު ވެސް ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަކީ އަދާކުރާންޖެހޭ ޒިންމާއެއްކަމެވެ. އެހެންކަމުން ދަރީންނަށް ތަޢުލީމުދީ، ބަލައިބޮޑުކުރުމުގައި އިހުމާލުނުވާށެވެ! ފަރުވާކުޑަނުކުރާށެވެ! ދުންޔަވީ ތަޢުލީމާ އެކުއެކީ އުޚުރަވީ ތަޢުލީމަށް ދަރީންގެ ހިތްތަކުގައި ލޯބިޖައްސައި، އަހުލުވެރިކުރުވާށެވެ! ދީނާ ދުރު ކަންކަން ގޭތެރޭގެ މާޙައުލުން ނައްތައިލައި، ދަރީންގެ ޢުމުރާ ގުޅޭ ގޮތުން ދީނީ މަޢުލޫމާތު، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަރީންނަށް ފޯރުކޮށްދޭށެވެ! އިސްލާމީ ޝިޢާރުތައް ގޭތެރޭގެ މާޙައުލުން ފެންނާނެހެން ބަހައްޓާށެވެ! އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތަކަށް ދަރީން ހާނުވާށެވެ! މި ކަން ކުރެވޭނީ މުޅި މުޖުތަމަޢު އެކުއެކީ ދިރިއުޅުމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay