
ނަަބީބޭކަލުންގެ ޙަޔާތްޕުޅުން ލިބޭ ޢިބްރަތްތައް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 އޮކްޓޯބަރު 2025 - 05:28
އެންމެ ފުރަތަމަ ނަބީބޭކަލަކީ އާދަމް -عليه السلام- ކަމުގައި ބަޔާންވެގެންވެއެވެ. އަދި އެންމެ ފުރަތަމަ ރަސޫލަކީ ނޫހް -عليه السلام- ކަމުގައި ބަޔާންވެގެންވެއެވެ. ޙަދީޘްތަކުގައި އައިސްފައިވާ ގޮތަށް، ނޫޙް عليه السلام އަކީ މީސްތަކުން ޝިރުކު ކުރަން ފެށުމުން، الله تعالى ދުނިޔެއަށް ފޮނުއްވި ފުރަތަމަ ރަސޫލާއެވެ. ބުޚާރީ، މުސްލިމް އަދި އެހެނިހެން ޙަދީޘްފޮތް ތަކުގައި ވާރިދުވެގެންވެއެވެ.
“ހަމަކަށަވަރުން، ޤިޔާމަތް ދުވަހު، މީސްތަކުން މަޙްޝަރު ކުރެވިފައިވާ ދުވަހު ބުނާނެއެވެ. އޭ ނޫޙްއެވެ! ތިޔައީ الله އެންމެ ފުރަތަމަ ބިމުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވި، އެންމެ ފުރަތަމަ ރަސޫލާއެވެ. އަހަރެމެންގެ ވެރި އިލާހުގެ ޙަޟްރަތުން އަހަރެމެންނަށް ޝަފާޢަތަށް އެދި ވިދާޅުވާށެވެ”.
މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ނޫޙް عليه السلام- ގެ ކުރިން ފޮނުއްވުނު އާދަމް -عليه السلام- އަކީ ނަބިއްޔެއްކަން ޙަދީޘްތަކުން ޘާބިތުވެއެވެ. أَبِيْ حَاتِمْ بِنْ حِبَّانُ ގައި އަދި އެހެނިހެން ޙަދީޘް ފޮތްތަކުގައި أَبِيْ ذَرٍّ -رضي الله عنه- ގެ ފަރާތުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. أَبِيْ ذَرٍّ رضي الله عنه- ނަބިއްޔާ ﷺ ގެ އަރިއަހުގައި، ނަބިއްޔުންނާއި ރަސޫލުނާ ބެހޭގޮތުން ސުވާލު ދެންނެވުނު ހިނދުގައި ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ.
“ނަބިއްޔުންގެ ޢަދަދަކީ ސަތޭކަ ސައުވީސް ހާހެވެ. ރަސޫލުންގެ ޢަދަދަކީ ތިންސަތޭކަ ތޭރައެވެ”.
މިއިން ކޮންމެ ނަބިއްޔަކާއި ރަސޫލެއްގެ ހަޔާތްޕުޅުން އަހަރެމެންނަށް ނުހަނު ގިނަގުނަ އިބްރަތްތައް ލިބެއެވެ.
ނަބިއްޔުން އަދި ވަކީން ހާއްސަކޮށް ސަލާމްލެއްވި ކީރިތި ރަސޫލާ މުޙައްމަދުގެފާނު ދޫކުރެއްވި ތަރިކައިގެ ތެރެއިން އެންމެ އަގުބޮޑު އެކައްޗަކީ ވަޞިއްޔަތްޕުޅުތަކެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނަކަށް އެބޭކަލުންގެ ބަހާއި އަމަލަށް ތަބައުވުމުން ވަނީ އަލިކަން ދެއްވަވައިފައެވެ.ޙަޔާތުގައި އެންމެ ފަސޭހަ އިން ޣާފިލުވެގެންދާނޭ ކަންކަމާ މެދު ސަމާލު ކުރުވައެވެ. ހަމަ އެފަދައިން އެ ޣާފިލުކަމުގެ ތެރެއިން މިންޖުވެވޭނޭ މަގު ފެނިދެނިވެއެވެ.
ނަބިއްޔުންގެ ތަރުބިއްޔަތުގެ ސަބަބުން މުޅި ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދިޔައެވެ. އިންސާނީ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމުގެ ތެރޭގައިވި މުޖުތަމަޢު، ޞުލްޙަވެރިކަމާއި އެއްބައިވަންތަ މުޖުތަމަޢަކަށް ވެގެންދިޔައެވެ.
އިސްލާމީ ތަރުބިއްޔަތުގެ އަސާސީ މަރުޖިޢަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ. ކީރިތި ޤުރުއާނަށް ބަލާލާއިރު ކީރިތި ޤުރުއާނުގައި އަހަރެމެންގެ ނަފުސުތަކާއި އަހުލުވެރިން ތަރުބިއްޔަތު ކުރަންވީ މަންހަޖު ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ (الأنفال 24) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ.”
މިއީ ﷲ ތަޢާލާ، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އަހަރެމެން އިޖާބަދޭން ޖެހޭގޮތް އަމުރުކުރައްވާފައިވާ އާޔަތެކެވެ. އެ ދެއެތީގައި އިންސާނާގެ ޙަޔާތާއި ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ލިބިގަންނާނީ ކިހިނެއްކަން ސާފުކޮށް ބަޔާންވެގެންވެއެވެ. އަދި ތަރުބިއްޔަތުގެ ޢިލްމުގައި އަހަރެމެންނަށް އެ ނަމޫނާތަކަކަށް ބަރޯސާވެއްޖެނަމަ ކާމިޔާބު ޙާޞިލުކުރެވޭނެ އެތައް ތަރުބަވީ އުސްލޫބުތަކެއް ކީރިތި ޤުރުއާން އަހަރެމެންނަށް ދަސްކޮށްދެއެވެ. މިސާލަކަށް ވާހަކަ ކިޔައިދިނުމާއި، ވަޢުޡު ނަޞީޙަތްދިނުމާއި، ދޭދޭ މީހުންގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކާއި، ޢިބުރަތްތަކާއި ނަމޫނާތަކެވެ. އަދި ހަމައެގޮތަށް އިންސާނާއަށް ތާއަބަދުގެ އުފާވެރިކަން ލިއްބައިދޭނެ ކަންކަމާއި، މެދުކެނޑުމެއް ނެތް ނިޢުމަތް ލިބޭނެގޮތެވެ. އަދި ހަމައެގޮތަށް އިންސާނާގެ ދިރިއުޅުން ބާއްޖަވެރިކުރާނޭގޮތާއި އާޚިރަތުގެ ގޮވާން ލިބިގަންނާނެގޮތްވެސް ސާފުކޮށް ކިޔާދީފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން