logo

ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތް ނަހީކުރުން

profile

ޒިދާން މުޙައްމަދު - 15 ޖުލައި 2025 - 04:03

ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތް ނަހީކުރުމަކީ ފުރިހަމަ މުއުމިނުންގެ ސިފައެކެވެ. އެހެނީ ޙައްޤުގެ މަގަށް މީސްތަކުންނަށް ގޮވާލުމާ ޙައްޤު ބަޔާންކުރަން ނަހީ ކުރުމަކީ ކަނޑައެޅިގެން ޝައިޠާނާއަށް ވާގިވެރިވާ މީހަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ.

https://wamco.com.mv/

"އިންސާނާ އުފެދުނީންސުރެ، ޝައިޠާނާ އަކީ އޭނާގެ ދުޝްމަނެކެވެ. ނުރައްކާތެރި ހަތުރެކެވެ. ޝައިޠާނާގެ ބޮޑާކަމާއި، ކިބުރުވެރިކަމުގެ ސަބަބުން، الله ގެ ރަޙުމަތުން އޭނާ ދުރުކުރެއްވުނު ދުވަހުން ފެށިގެން، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ.

އަލްއަޢްރާފް ސޫރަތުގެ 16 އަދި 17 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"އެކަލޭގެ ދެންނެވިއެވެ. އިބަ ރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަ ރަސްކަލާނގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރު ކުރާ މީހުން ކަމުގައި އިބަ ރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

މި އުއްމަތުގެ ތެރެއިން ބައަކު، ޝައިޠާނާގެ ވަސްވާސް ތަކަށް ހެއްލި، الله ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުން ދާއިރު، އެއުރެން ހެޔޮ މަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހެޔޮކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިއްމު ވަނީ މި ޙިކުމަތަށް ޓަކައެވެ.

الله ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، މުންކަރާތެކެވެ. الله އަށް އުރެދުމަކީ މުންކަރާތެކެވެ. ދީނުގެ ޝިޢާރުތަކަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމަކީ މުންކަރާތެކެވެ. އަމަން އަމާންކަން ނަގާލުމަކީ މުންކަރާތެކެވެ. ޙައްޤަކާނުލައި، މީހުންގެ މުދަލަށާއި، ފުރާނައަށާއި، އަބުރަށް އަރައިގަތުމަކީ މުންކަރާތެކެވެ.

މީސްތަކުންގެ މެދުގައި މުންކަރާތްތައް ޢާންމުވެގެންދިއުމުން الله ތަޢާލާ ވަނީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ފޮނުއްވަވައި، އެބައިމީހުންނަށް އިންޒާރު ކުރައްވާފައެވެ.

ނޫހް ސޫރަތުގެ 1، 2 އަދި 3 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޛާރު ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި ޢަޛާބު އައުމުގެ ކުރިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެން ހުރި އިންޛާރުކުރާ މީހަކީމެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން الله އަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!"

ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ، އިސްލާމް ދީނުގައި، ކުރަން އަންގަވާފައިވާ ކަމެކެވެ. މި އުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ވެފައި ވަނީ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންކަން ނަހީކުރާ ބަޔަކަށް ވީތީ އެވެ.

އާލްޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި، ތިޔަބައިމީހުން ވީމުއެވެ. އެހެނީ ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައި ކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން الله އަށް އީމާން ވަމުއެވެ."

މި އާޔަތަށް ވިސްނުން ހިންގާލުމުން، އިތުރު އެހެން ކަމެއް ފާހަގަ ކުރެވެއެވެ. އެއީ މި އާޔަތުގައި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުން، الله އަށް އީމާންވުމަށް ވުރެ، އިސްކުރައްވާފައި ވުމެވެ. އީމާންވުމަށް ފަހު މުއުމިނުން ކުރާ ކަމެއް، އީމާން ކަމަށް ވުރެ އިސްކުރައްވާފައި ވުމުން، އެކަމުގެ މުހިއްމުކަން ވަރަށް ބޮޑަށް ފާޅުވާ ކަމަށް، ދަންނަބޭކަލުން ވިދާޅުވެއެވެ. އިސްލާމް ކަމުގެ މަތިވެރި ދެ ރުކުން ކަމުގައިވާ ނަމާދާއި، ޒަކާތުގެ ކުރިއަށް ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުން، ޤުރްއާނުގައި ގެންނަވާފައި ވުމީ ވެސް އެކަމުގެ މުހިއްމުކަން ދޭހަވާ ކަމެކެވެ.

ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮ ކަންތަކަށް އަމުރު ކުރެތެވެ. އަދި ނުބައި ކަންތައް ނަހީކުރެތެވެ. އަދި އެބައިމީހުން ނަމާދު ޤާއިމުކޮށް، ޒަކާތް ދީ، الله އާއި އެކަލާނގެ ރަސޫލާ އަށް ކިޔަމަންވެތެވެ."

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީ ކުރުމުގެ ފައިދާ އަށް ބަލާ އިރު، އެއީ ކުށްފާފަތަކުން މީހާ ޠާހިރު ކޮށްދޭ ކަމެކެވެ. رَسُوْلُ اللهصَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ނަމާދާއި، ރޯދައާއި، ޞަދަޤާތާއި، ހެޔޮ ކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންކަން ނަހީކުރުމަކީ މީހަކަށް އޭނާގެ އަހުލުވެރިންނާއި، މުދަލާއި، ދަރިންނާއި، އަދި އަވައްޓެރިންގެ ޙައްޤުގައި ކުރެވޭ ކުށްތަކަށްވާ ކައްފާރާއެކެވެ." އެއީ އިންސާނާގެ އަތުގައި ހޭދަކުރާނެ ފައިސާއެއް ނެތަސް ކުރެވިދާނެ ޞަދަޤާތެކެވެ. رَسُوْلُ الله صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

(وَأَمْرٌ بِالْمَعْرُوْفِ صَدَقَةٌ وَنَهْيٌ عَنِ الْمُنْكَرِ صَدَقَةٌ)

"ހެޔޮ ކަންކަމަށް އަމުރު ކުރުމަކީ ޞަދަޤާތެކެވެ. ނުބައި ކަންކަން ނަހީކުރުމަކީ ޞަދަޤާތެކެވެ."

އަދި ކިއެއްތަ އެއީ الله ދެއްވި ނިޢުމަތްތައް ބަލައިގަނެ، ޝުކުރުވެރިވާކަމުގެ ޢަލާމާތެކެވެ. އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"އެއުރެންނީ، ބިމުގައި ތިމަން ރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ޤާއިމު ކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ الله އަށެވެ.

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ، އަމާންކަން ނާމާންކަމަށް ބަދަލުވާ ކަމެކެވެ. الله ގެ ކޯފާ ޙައްޤުވާ ކަމެކެވެ. އަޅުގަނޑުމެންގެ ދުޢާ އިޖާބަވުމަށް ހުރަސް އެޅޭ ކަމެކެވެ.

رَسُوْلُ الله صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

(وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوْفِ، ولَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُوْشِكَنَّ اللهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ، ثُمَّ تَدْعُوْنَهُ فَلاَ يُسْتَجَابُ لَكُمْ)

"ތިމަން ކަލޭގެފާނުގެ ފުރާނަފުޅު އެކަލާނގެ އަތްޕުޅުގައިވާ މާތް ރަސްކަލާނގެ ޛާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރުކުރާ ހުށިކަމެވެ. އަދި މުންކަރާތް ނަހީކުރާ ހުށިކަމެވެ. އެހެންނޫން ނަމަ، ހަމަކަށަވަރުން، الله ގެ ޙަޟުރަތުން ތިޔަބައިމީހުންގެ މައްޗަށް ކޯފާއެއް ބާވައިނުލައްވައި ނުދާހުއްޓެވެ. އެއަށްފަހު، ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމުން ފަހެ، އެހައިރުން ތިޔަބައިމީހުންގެ ދުޢާ އިޖާބައެއް ނުކުރެއްވޭ ހުއްޓެވެ."

މި މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމުގެ ސަބަބުން ބައެއް އުއްމަތްތަކަށް الله ތަޢާލާ، ލަޢުނަތް ލައްވައި، ހަލާކުކުރައްވާފައި ވެއެވެ. އެގޮތުން ބަނީ އިސްރާއީލުބާގައިގެ މީހުން ކުރެ، ކާފިރުވީ ބަޔަކު ފާހަގަ ކުރެވެއެވެ.

އަލްމާއިދަތު ސޫރަތުގެ 27، 28 އަދި 29 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

"އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައި ވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާ ކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެން ކުޅަ ނުބައި ކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"

https://wamco.com.mv/
https://eportal.mwsc.com.mv/e-pay