
ކޮންމެ ދާއިރާއެއްގައިވެސް ދީނީ އަހުލުވެރިން ޙަރަކާތްތެރިވުން އިތުރުކުރުން މުހިންމު!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 03 ޖުލައި 2025 - 03:31
ކޮންމެ ދިމާލަކުންވެސް އަހަރެމެންނަށް އިވޭ އަޑަކީ މުޖުތަމައުގައިވާ، ނޭއްގާނީކަމާއި ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ ވާހަކައެވެ. ދިވެހި މުޖުތަމައުގެ ދީނީ އަޚްލާޤީ އިޖުތިމާޢީ ފޭރާން ވީދިފައިވާ ވާހަކައެވެ. މިހެން މިކަން ވަނީ ކީއްވެތޯއެވެ؟
ދަންނާށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްޞާކުރާ ބަޔަކަށް ވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެކެވެ. އަދި އިސްލާމްދީނަށް އިޚްލާޞްތެރި މީހުން ކަންކަމުގައި އިސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގައުމުގެ ވަލިއްޔުލްޢަމުރަށް ވިޔަސް، ތަނެއްގެ ވެރިޔަކަށް ވިޔަސް، މުދައްރިސެއް ވިޔަސް، މުދައްބިރެއް ވިޔަސް، އިސްލާމްދީނުގެ އަހުލުވެރިއަކަށް ވާންޖެހެއެވެ. އެހެނީ ކަންކަން ހެޔޮމަގުން ދާނީ އެކަންކަން ކުރުމަށް އިސްވެ ހަވާލުގައި ތިބޭ މީހުންނަކީ ދީނީ ގިއުގަނޑުގައި ހިފައިގެން ތިބޭ ދީނީ ހަމަތައް ހިފަހައްޓާ މީހުންނަށް ވެގެންނެވެ. ކަންކަން ރަނގަޅަށް ކުރެވޭނީ އެކަމެއް ކުރުމަށް ގާބިލު، ކުޅަދާނަ، ޢިލްމާއި ޙިލްމު ހުރި މީހުން އެކަންކަމުގައި ޝާމިލުކޮށްގެނެވެ.
މާތް اللّه ކީރިތި قرآن ގައި، ވަޙީ ކުރައްވާފައިވެއެވެ.
إِنَّـمَا يـَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَـٰۤــؤُاْ. (فاطر : 28)
މާނައީ: اللّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން علم ވެރިންނެވެ.
علم ވެރިންގެ ތެރޭގައި މެޑިސިން، ބަޔޯލޮޖީ، އެސްޓްރޯ ފިޒިކްސް، ކޮސްމޯލޮޖީ، ޖިއޯލޮޖީ، މީޓިއޮރޯލޮޖީ، މެތެމަޓިކްސް، އަދި އިޖްތިމާޢީ ޢިލްމުތަކާއި ބަސްބަހާބެހޭ ޢިލްމުތައް ފަދަ އެކިއެކި ޚާއްޞަ ރޮނގުތަކުގެ ޢިލްމު ހޯދާފައިވާ މީހުންވެސް ހިމެނޭނެވެ. މިއިން ކޮންމެ ޢިލްމެއްގެ އަހުލުވެރިޔަކީވެސް އިސްލާމްދީނުގެ ޢިލްމުގެ އަހުލުވެރިއަކަށްވާންޖެހެއެވެ. އެއިރުން ކޮންމެ ދާއިރާއެއްގެ ތެރެއިންވެސް ދީނީ ޝިއާރުތައް ކުރިއަށް ނެރެ، ދީނީ އަގީދާ ވަރުގަދަވުމަށް ބާރުއެޅި، އިސްލާމްދީނަށް އަހައްމިއްޔަތުކަން ދެވޭނެއެވެ.
ކޮންމެ ދާއިރާއެއްގައި ވިޔަސް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލަކީ އިސްލާމްދީނުގެ ޢިލްމުތަކެވެ. އިސްލާމްދީނުގައި މައިގަނޑު މަސްދަރުތަކަކީ ކީރިތި ޤުރްއާނާއި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَގެ ސުންނަތެވެ. ނުވަތަ އެކަލޭގެފާނުގެ ސީރާއެވެ.
ޝަރްޢީ ޢިލްމުތައް ޙާސިލުކޮށްފައިވާ މީހުންގެ އިތުރުން، އެހެނިހެން ރޮނގުތަކުގެ މަޢުލޫމާތު ޙާސިލުކޮށްފައިވާ މީހުންވެސް ޢިލްމުވެރިންގެ ތެރޭގައި ހިމެނުނު ކަމުގައި ވިޔަސް، ކޮންމެ ކަމެއްގައިވެސް ފަހުބަސް ބުނުމުގެ ޙައްޤު އޮންނާނީ، އެކަމަކާ ބެހޭ ޚާއްޞަ ރޮނގުގެ މާހިރުންނަށެވެ. މިސާލަކަށް ދީނީ ކަންކަމުގައި ފަހުބަސް ބުނުމުގެ ޙައްޤު އޮންނާނީ ދީނީ ޢިލްމުވެރިންނަށެވެ. ބަލިބައްޔާ ބެހޭ ކަންކަމުގައި ޑަކްޓަރުންނަށެވެ. ބަހާބެހޭ ކަންކަމުގައި ލިންގުއިސްޓުންނަށެވެ. النّحل ސޫރަތުގެ 43 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.
"ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން އެކަމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!"
މާތް اللّه ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟ (محمّد : 24)
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން