
ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުން މުހިންމު: ރައީސް

އައިޝަތު އިނާޝާ - 11 ޖުލައި 2025 - 08:36
ގައުމުގެ މުސްތަޤްބަލާއި ތަރައްޤީއަށްޓަކައި ޒުވާނުންގެ މެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ މާހައުލެއް ގާއިމުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަސައްކަތުގެ ލުއިފަސޭހަ ގޮތްތަކާއި، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކުޑަކުދިން ބެލެހެއްޓުމާއި، ފެންވަރު ރަނގަޅު ތަޢުލީމާއި ސިއްހީ ހިދްމަތް އިންސާފުވެރިކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އަދި ސިއްހީ ހިދްމަތްތައް އިތުރުކުރުމާއި، ކައުންސެލިންގ ފޯރުކޮށްދިނުމާއި، ފުޅާ ދާއިރާއެއްގައި ސިއްހީ ހިދްމަތްފޯރުކޮށްދިނުން ފަދަ ކަންކަމުގައި ޒުވާނުން ތައްޔާރުކުރުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ދުރު ރާސްތާއަށް ވިސްނައި ރޭވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެތިބުމަށްޓަކައިި ހަރުދަނާ ސިޔާސަތެއް އާބާދީއާ ގުޅިގެން ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތުން، 2062 ވަނަ އަހަރާ ހަމަޔަށް ދިވެހި އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް އަންދާޒާކުރެވޭއިރު ދުވަސްވީ އާބާދީއެއްގައި ހުންނާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ އާބާދީ ދުވަހުގެ ޝިޢާރަކީ "އިންސާފުވެރި އުންމީދީ މާޙައުލެއްގައި ޢާއިލާތައް ބިނާކުރުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުން" މި ޝިޢާރެވެ.
ދުނިޔޭގެ އާބާދީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އާބާދީތަކަށް ދިމާވަމުންދާ އެކިއެކި މައްސަލަތަކާ މެދު ހޭލުންތެރިކަން އުފެއްދުމެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން