.jpg&w=3840&q=75)
ވިދާދް އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން...
ކުލަބް ވޯލްޑްކަޕް: ޔިލްޑިޒްގެ ދެލަނޑާއެކު ވިދާދް އަތުން ޔުވެންޓަސްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން - 22 ޖޫން 2025 - 22:02
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޖީގައި އިޓަލީގެ ޔުވެންޓަސް އާއި މޮރޮކޯގެ ވިދާދް އެތްލެޓިކް ކުލަބު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުވެންޓަސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ޗެންޕިއަން އަލް އައިން އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިދާދްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އަތުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުވެންޓަސް އިންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ވިދާދުގެ ޑިފެންޑަރު އަބްދުލްމޫނައިމް ބުޓޫއިލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ 10 މިނެޓުފަހުން އެޓީމުގެ ޒުވާން ފޯވާޑް ކެނާން ޔިލްޑިޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑި ފުޅާކޮށްދީފައެވެ.
ވިދާދުން ނަތީޖާގެ ފަރަކު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު އެފްރިކާ ފޯވާޑް ތެމްބިންކޮސައި ލޮރްޗް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 69 ވަނަ މިނެޓުގައި ޔިލްޑިޒް ކާމިޔާބުކުރިއިރު މިއީ މިމުބާރާތުގައި އުމުރުން 20 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
މިމެޗުގައި ޔުވެންޓަސްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ޑުސާން ވްލޮހަވިޗް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ޔުވެންޓަސް ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ވިދާދް ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެންޗެސްޓާ ސިޓީ އިން ލީގު ކަޕްގެ ތަށި ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފި
3 ދުވަސް ކުރިން
.jpg&w=3840&q=75)
އަމިއްލަ ދަނޑުގައި ވަޔޮކާނޯ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
3 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އެވަޓަންއަށް ފަސޭހަ މޮޅެއް
4 ދުވަސް ކުރިން

ފަސޭހަކަމާއެކު ޔޫނިއަން ބާލިންގ ބަލިކޮށް ބަޔާން މިޔުނިކުން ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި
4 ދުވަސް ކުރިން


.gif&w=3840&q=75)