
"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބުނު

ޝަހްޒާ މުޙައްމަދު - 02 ޑިސެމްބަރު 2025 - 08:24
"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އެއީ ދިވެހި ރުފިޔާއާއި ޑޮލަރުން ލިބުނު އަދަދު ހިމެނެއެވެ. މިއީ 245 މިލިއަނަށް ވުރެ ގިނަ ލަންކާ ރުޕީސްއެވެ.
ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯންއަށް އެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ.
ޖުމްލަ ފަންޑަށް ލިބިފައިވާ އަދަދު:
* 11،553،291.10 (އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ދިހަ ލާރި)
* 51،088.31 (ފަންސާސްއެއް ހާސް އަށްޑިހަ އަށްޑޮލަރު ތިރީސްއެއް ސެންޓް)
* 20 ޔޫރޯ
ޓެެލެތޯންގެ އޮފިޝަލް އޮޑިޓް ޕާޓްނަރ 'ކްރޯ މޯލްޑިވްސް' އިން ބުނީ، ފަންޑް ރައިޒިންގެ ވަގުތު ހަމަވުމަށް ފަހު ފަންޑް ފޮށިތަކަށް ލިބުނު ފައިސާތައް ގުނުމުގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ކްރޯއިންކަމަށެވެ. އަދި ގުނި ހުރިހާ ފައިސާއެއް ބީއެމްއެލްއަށް ޖަމާ ކުރުމަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.
ކްރޯ މޯލްޑިވްސްއިން ބުނީ، ގުނި ހުރިހައި ފައިސާތައް ބޭންކް އޮފް މޯލްޑިވްސްއަށް ޖަމާކުރުމަށް ފޮނުވާފައިވާކަމަށެވެ. މި ޓެލެތޯންގެ މަސައްކަތް ޕީއެސްއެމްއިން ކޮށްފައިވަނީ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތައްކަމަށް ކްރޯ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.
"މުޅި ފަންޑް މެނޭޖްކުރުމާއި އަދި ފަންޑް ރެއިޒްކުރުމުގައި ޕީއެސްއެމްއިން މަސައްކަތްކޮށްފައި މިވަނީ ކްރޯއިން ކަނޑައަޅާފައިވާ އިންޓާނަލް ސްޓޭންޑާރޑްތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން." ކްރޯ މޯލްޑިވްސްގެ އޮފިޝަލު ވިދާޅުވިއެވެ.
މި ޓެލެތޯނަކީ ލަންކާއަށް އެރި ތޫފާން "ޑިޓްވާ" އަދި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ގެންގޮސްފައި ވަނީ 29 ގަޑިއިރަށެވެ. މި ޓެލެތޯންއަށް ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ އިން ބައިވެރިވެއެވެ. މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލިއެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ފުލުހުންގެ ފަރާތުން ވަނީ 2.4 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މިއީ ޓެލެތޯން މެދުވެރިކޯށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު ހަމަވިއިރު ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އަސްލު ޓިވީގެ މުވައްޒަފުންނާއި މެނޭޖްމަންޓްގެ ފަރާތުން ވެސް ވަނީ މި ޓެލެތޯނަށް ފައިސާ ހަދިޔާކޮށްފައެވެ.
މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
6 ގަޑިއިރު ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން

ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
6 ގަޑިއިރު ކުރިން


