
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު: ފަތުރުވެރިކަމަށް މުޅިން އައު ބާބެއް!

އައިޝަތު އިނާޝާ - 09 ނޮވެމްބަރު 2025 - 17:47
މީގެ ގާތްގަނޑަކަށް ބައި ގަރުނު ކުރީން ދިވެހިންނަށް ތަޢާރަފްވި ފަތުރުވެރިކަމަކީ މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދައެވެ. އިންޑިޔާ ކަނޑުގައި އުތުރުން ދެކުނަށް، އަލިމުތްތަކެއް ފަދައިން އެތުރިފައިވާ މި ނަލަނަލަ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އަހަރެމެންގެ މި ސާފު ރީތި ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކާއި، މޫދުކުޅިވަރުތަކާއި މަތީފަންތީގެ ރިސޯޓުތައް ފަދަ އެކިއެކި ތަފާތު ތަޖުރިބާތައް ހޯދުމަށެވެ.
މިއަދު ދިވެހީންނަށް ލިބިފައިވާ ފަހުރަކީ، ރާއްޖޭގެ ފަތުރުވެރިން މިވަނީ މެދުއުޑުގައި ފިޔަޖަހާ، މުޅި ދުނިޔެއަށް ގޮންޖަހާލެވޭވަރުގެ އިންޑަސްޓްރީއަކަށް ބަދަލުވެފަ ކަމެވެ. ތަހުޒީބާއި ތަރައްޤީވެފައިވާ އެތައް ޤައުމެއް، އެތައް މިލިއަން ބަޔަކު އަދި އެތައް މިލިއަން އިންވެސްޓްމަންޓުތަކެއް ފަހަތަށް ޖައްސާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބެންޗްމާރކަކީ ދިވެހިރާއްޖެކަން މުޅި ދުނިޔެ ގަބޫލުކުރެއެވެ.
ޝައްކެއްނެތް، ރާއްޖޭގެ އިޤްތިސާދު ބަރޯސާވަނީ އެކި ގޮތް ގޮތުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ފަތުރުވެރިކަމުގެ މައްޗަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދު އޭގެ މައްޗަށް ބިނާވެ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަސަރުކުރާ ކަމެއްކަމީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ.
އެހެންކަމުން މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ކޮންމެ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ގިނަ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، ޢުމްރާނީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރެވޭނޭ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާތަނަށް ބަލާއިރު، ރާއްޖޭގައި މިވަގުތު އެންމެ އެދެވޭ ކުރިއެރުމެއް ލިބިފައިނުވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށެވެ. އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމެވެ. އަދި އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުވުމެވެ.
ރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ އިތުރުކޮށް، ސަރަޙައްދީ ތަރައްޤީއަށް ބާރުއެޅުމަށްޓަކައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހދ. އަތޮޅާއި މުޅި ބޮޑު ތިލަދުންމައްޗަށް ރާއްޖޭގެ ފަތުވެރިކަން ފުޅާ ކުރުމުގެ ގޮތުން އެ އެއަރޕޯޓް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިޔާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ މި އެއަރޕޯޓުގެ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.
ތިން އަހަރުގެ އިންތިޒާރަކަށްފަހު، ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް މިވަނީ ހުޅުވާލާފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި އުތުރުގެ ތަރައްޤީއާއި ގުޅިފަވާ ވަރަށް މުހިންމު މަޝްރޫއުއެއްގެ އިތުރުން ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާ ގުޅިފަވާ ވަރަށް މުހިންމު މަޝްރޫއުއެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭ ގޮތަށް އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.މި މަޝްރޫއަށް ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކުރިއިރު، މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.
މިއީ މުޅި ބޮޑުތިލަދުންމައްޗަށާއި، ޚާއްޞަކޮށް ހދ. އަތޮޅަށް ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް ފެށިގެންދާނެ މަޝްރޫއުއެކެވެ. މިއާއެކު ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެ، ސަރަހައްދީ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


