
މަޝްހޫރު ގާނޫނީ ވަކީލު ޢަލީ ޙުސައިން---
ރަސްމާލެ ޑީލާ ދެކޮޅަށް އުފައްދާފައިވާ ޤައުމީ ޙަރަކާތުގެ އިސް ތަރުޖަމާނަކަށް ޢަލީ ޙުސައިން!

ޖިނާން ޙުސައިން ޖަބީން - 10 ނޮވެމްބަރު 2026 - 12:20
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ މެރީނާ މަޝްރޫޢާ ދެކޮޅަށް އުފައްދާފައިވާ ޤައުމީ ޙަރަކާތުގެ އިސް ތަރުޖަމާނަކަށް، މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ހަމަޖައްސަވައިފިއެވެ.
މިކަން ރަސްމީކޮށް އިޢުލާނުކުރެއްވީ އެ ޙަރަކާތުގައި އިސްދައުރެއް އަދާކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. ޢިމްރާން ވިދާޅުވީ، މިއަދުން ފެށިގެން މި ޙަރަކާތުގެ ނަމުގައި ޢަލީ ޙުސައިން ވިދާޅުވާ ކޮންމެ ބަސްފުޅަކާއި ކުރައްވާ ކޮންމެ ކަމަކީ ޤައުމީ ޙަރަކާތުގެ ފަރާތުން ނިންމާ ރަސްމީ ނިންމުންތަކާއި ވިސްނުން ކަމަށެވެ. ނަމަވެސް، އޭނާއަކީ ޤާނޫނީ ވަކީލެއްގެ ގޮތުން އަމިއްލަ ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމުން، އަމިއްލަ މަސައްކަތްތަކާއި ޙަރަކާތުގެ ފަރާތުން ކުރައްވާ ކަންކަން ވަކިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޢިމްރާން ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ޙަރަކާތުގެ ނަމުގައި ޢަލީ ޙުސައިން މީސްމީޑިއާގައި ޙިއްޞާކުރައްވާ ޕޯސްޓުތަކާއި، މީޑިއާތަކަށް ދެއްވާ ބަޔާންތަކަކީ އެ ޙަރަކާތުގައި އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުންގެ އިއްތިފާޤުން ނިންމަވާފައިވާ ނިންމެވުންތަކެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މި ޙަރަކާތުގެ ފަރާތުން ރަސްމީކޮށް ވާހަކަދައްކަވާނީ ޢަލީ ޙުސައިން ކަމުގައި ޢިމްރާން ވިދާޅުވިއެވެ.
"އެހެންވީމާ މީގެ ފަހުން އަޅުގަނޑުމެންގެ ފަރާތުން ރަސްމީކޮށް ވާހަކަދައްކަވަމުން ގެންދާނީ އުސްތާޛު އަލީ ހުސައިން" - ޢިމްރާން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޢަލީ ޙުސައިންއަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މުހިއްމު މަސައްކަތް ކުރައްވާފައިވާ، ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ކުރިއަށްގެންދާ މި ޙަރަކާތުގެ އިސް ތަރުޖަމާނަކަށް ޤާނޫނީ ދާއިރާގެ އިސް ބޭފުޅަކު ހަމަޖެއްސުމާ ގުޅިގެން، މި ހަރަކާތް އިތުރަށް ފުޅާވެ ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.





