logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ޖުލައި 26 ގެ ކުރިން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވާނަން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 22 މޭ 2026 - 05:52

މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޭޝަން ޗެޓް ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ގާއިމްކުރާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށެވެ.

މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކިދާއިރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި
ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނިވަޑައިގަންނަވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުން އެކި ކަންކަމުގައި އެދުމުން އެކަންކަން ފުރިހަމަކުރުމަށް، އެވްރެޖްކޮށް ހަތަރު ހަފްތާ ހޭދަވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ މުއްދަތު ހަތަރު ދުވަހަށް ކުޑަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިހާރު ބައޯމެޓްރިކްސް ނުނެގިހުރީ އެންމެ އެއް ޕަސެންޓް މީހުންގެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ މިހާތަނަށް ޔޫ.އޭ.އީ އަދި ސިންގަޕޯރ އިން ހޯދާފައިވާ ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ދެއަހަރާއި ބައިގެ ތެރޭގައި ބާރަ ހާހަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ މި މަސައްކަތުގައި ހަރަކާތެރިވި އެކި ފަރާތްތަކުގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިސާރުކާރުން އަލުން އަތޮޅު އޮފީސްތައް އިޔާދަކުރައްވަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަންތަނަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ގެ ސެކްޝަން ތަކެއްގެ ގޮތުގައި ހިންގަވާ ތަންތަން ކަމަށާއި، އެ އޮފީސްތަކަށް އަތޮޅުވެރިން ނުވަތަ، ގަވަރުނަރުން ފަދަ އެއްވެސް ސިޔާސީ ވެރިޔަކު ނުލައްވާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްގީ އާއި ސިއްހީ އަދި އިޖުތިމާއީ މައްސަލަތަކާއި ގެދޮރުވެރިކަމާއި ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk