
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 10:35
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާނެ ކެންޑިޑޭޓަކަށް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސަޢީދު ހަމަޖައްސައިފިއެވެ.
ޕީއެންސީން މިގޮތަށް ނިންމާފައިވަނީ، އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ކުރީގެ މެންބަރު މުޙައްމަދު ސިނާން، ބައި އިލެކްޝަންގައި ވާދަނުކުރެއްވުމަށް ނިންމަވައި ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެންނެވެ.
ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ސިނާން ޓިކެޓް ދޫކޮށްލެއްވުމާ ގުޅިގެން، ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަޙްމަދު ސަޢީދަށް ޓިކެޓް ދިނުމަށް ޕާޓީގެ ލީޑަރޝިޕުން ނިންމާފައިވާ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ކައިރިވެފައިވުމާއެކު، އިތުރު ޕްރައިމަރީއެއް ބޭއްވުމުގެ ފުރުޞަތު ނެތުމަކީވެސް މި ނިންމެވުން ނިންމެވި ސަބަބެއް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ސިނާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕްރައިމަރީގެ ކާމިޔާބީއަށްފަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކަށް ރިޢާޔަތްކުރާއިރު، މި އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބީ ހޯދުމަށް އެންމެ ފަހި މަގަކީ އޭނާ ފަހަތަށް ޖެހިވަޑައިގެން އައު ބޭފުޅަކަށް ފުރުޞަތު ދެއްވުން ކަމަށް ފެންނާތީ، ޓިކެޓް ދޫކޮށްލެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕްރައިމަރީގެ ތެރޭގައި ޕާޓީގެ ލީޑަރޝިޕުން ދެއްވި އެއްބާރުލުމަށް ސިނާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
4 މިނިޓު ކުރިން

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
4 މިނިޓު ކުރިން

ރުކަކުން ވެއްޓުނު މީހަކު މަރުވެއްޖެ
5 މިނިޓު ކުރިން

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި
5 މިނިޓު ކުރިން


.gif&w=3840&q=75)