އައިއޯޓީސީ ގެ ބައްދަލުވުމުގެ ތެރެއިން
200 އަށްވުރެ ގިނަ މަންދޫބުންނާއެކު އައިއޯޓީސީގެ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ރިޟްވާން މޫސާ - 04 މޭ 2026 - 13:00
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ މިއަހަރުގެ އަހަރީ ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.
މިއީ އައިއޯޓީސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުމެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ މަޝްވަރާތައް ފަށާފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ. ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައްޔާއި، މުރާޖައާކުރުމުގައާއި، ބަލަހައްޓައި ބެލެހެއްޓުމުގެ މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.
މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއާ މީޑިއާ ސަމިޓުގެ ވޯކްޝޮޕްތައް މިމަހު 11ގައި
2 ގަޑިއިރު ކުރިން

ދެޤައުމުގެ މަޖިލީހުގެ މެދުގައި ފަންނީ މައުލޫމާތު ބަދަލުކުރަން މަޝްވަރާކޮށްފި
2 ގަޑިއިރު ކުރިން
ހުރުމުޒް ކަނޑު އޮޅި ސަރަހައްދުން އަނެއްކާވެސް ހަމަލާދީފި!
2 ގަޑިއިރު ކުރިން
އެމެރިކާއިން އޭޝިޔާއަށް ވިއްކާ ގޭހުގެ މިންވަރު އިތުރުވެއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)