logo

އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2026 - 05:45

ދަތުގެ ފަރުވާގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފިއެވެ.

https://wamco.com.mv/

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ދަތުގެ ފަރުވާގެ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަން ޔޫބީލް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކުރިއަށް އޮތް އަހަރުތަކަކީ ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި ޒަމާނީ ވަސީލަތްތައް ތަޢާރަފުވެގެންދާނެ ދުވަސްތަކަކަށް ހެދުމަށްޓަކައި، މި ދާއިރާގެ ފަންނީ ބޭފުޅުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ދަތުގެ ފަރުވާގެ ހާއްސަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން މިއަދު ޚިދުމަތް ދެއްވަމުން ގެންދަވާތީ، އެކަމާ އުފާކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ހާއްސަ ހިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ހިދުމަތްތަކެއްގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް އަމާޒުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަތުގެ ފަރުވާގެ ހިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާއި ހަމައަށް" އިފުތިތާހުކޮށްދެއްވާފައެވެ.

ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވީވެސް ނައިބު ރައީސް އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk