logo

ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށުގައިވެސް އީދު އަލިން ދިއްލާނެ: ރައީސް

profile

އަހުމަދު ޒަލީފު - 09 އޭޕްރީލު 2024 - 11:02

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށުގައިވެސް އީދު އަލި ދިއްލުމާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ފިތުރު ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރަސްމިއްޔާތުގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ވަނީ ޢީދު ފާހަގަކުރުމުގެ ގޮތުން ތަފާތު ކުލަތަކުގެ ބޮކިތަކުން ދިއްލާލާފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދުގެ އުފާ ފާޅުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް އެމަނިކުފާނު ނިންމެވި ސަބަބެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ އުފާ ކުރައްވާކަމެއް ކަމަށާއި އަންނަ އަހަރު މިއަށް ވުރެ ގިނަ ރަށްތައް ދިއްލާލުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" މިހާރުވެސް ވަރަށް ގިނަ ރައްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި ޢީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، މިއަންނަ އަހަރަށް އަދި އަޟްހާ ޢީދަށް [ދިއްލާ] ރަށްތައް މިއައްވުރެ ގިނަ ކުރާނަން. އެހެންވީމަ ކުޑަކުދިން، ޢާއިލާތަކުން ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދު އޭގެ ފުރިހަމަ ގޮތުގައި ފާހަގަ ކުރައްވަވާ " ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކުގައި، އެއްބައެއްގެ ގޮތުގައި ޢީދު ފާހަގަކުރަންކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއް އީދަށް ދިއްލާލާފައިވާއިރު، މިމަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ވުޒާރާއެވެ. އަދި އެމަސައްކަތުގައި ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319