logo

ސްޕޯޓްސް ކާރު އެކްސިޑަންޓް: ކާރުގައި ތިބި އެންމެނަށް ދައުވާކުރަން ފޮނުވައިފި

profile

ޝުރުފާ މުހަންމަދު - 14 ސެޕްޓެމްބަރު 2024 - 22:10

ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑަންޓުގައި ހައްޔަރުކުރި 3 މީހުން-- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑަންޓުގައި ހައްޔަރުކުރި 3 މީހުން-- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި އެންމެންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް އެ ކާރު ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ފިރިހެނެއްގެ ގައިގަ އެވެ. އެ ކާރުގައި ތިބި ތިން މީހުން ވެސް ފިލައިގެން ދިޔުމުން އެ މީހުން ހައްޔަރުކުރީ އޭގެ ޖެހިގެން އައި ދުވަހު އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމް ކުރި އެވެ.

ފުލުހުން މިއަދު ބުނީ ހާދިސާ ހިނގި ކާރުގައި ތިބި 3 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށާއި، ޕީޖީ އޮފީހުން އެ ބަލައިގެންފައިވާ ކަމަށެވެ.

ދައުވާ ކުރަން ފޮނުވާފައި ވަނީ:

  • އިބްރާހިމް އިކްރާމް
  • އިކުރާމުއްރަހުމާން
  • ޖިނާހު އިސްމާއިލް

މީގެ ތެރެއިން އިބްރާހިމް އިކްރާމަކީ ކާރު ދުއްވަން އިން މީހާ އެވެ. އޭނާގެ ބަންދުގެ މުއްދަތުގެ އިސްތިއުނާފް މަރުހަލާއެއްގެ ތެރެއިން އޭނާ މިދިޔަ މަހު ފަހުކޮޅު މިނިވަން ވެސް ވެފައިވެ އެވެ. ހައިކޯޓުން އޭނާ މިނިވަންވީ އެ މަރުހަލާގެ ތެރެއިން ފުލުހުން ދޮގު މައުލޫމާތެއް ދީފައިވާތީ ކަމަށް، ހައި ކޯޓުން ނިންމި ނިންމުމުގައިވެ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފަ އެވެ.


tel:+9607331319