logo

އދ އަށް ނިޒާމީ ބަދަލު ގެންނަން ޖެހޭ: ފޮރިން މިނިސްޓަރ

profile

ޝުރުފާ މުހަންމަދު - 21 ސެޕްޓެމްބަރު 2024 - 19:24

ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ދުނިޔޭގެ ގައުމުތަކުގެ މެދުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުން އަރައިގަތުމަށްޓަކާ އދ ގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން އދ. ގައި ބައިވެރިވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ދެމެދުގައި ދިގުދެމިގެންދާ ހަމަނުޖެހުންތައް ހުރުމުގެ ނޭދެވޭ އަސަރު ގިނަ ގައުމުތަކަކަށް ކުރާ ކަމަށާއި، ކުރިއެރުންތަކަށް ހުރަސް އެޅެމުން އަންނަ ކަމަށެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް އދ ގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ބޭނުންވަނީ އެ ހަމަނުޖެހުންތަކާ ކުރިމަތިލާން ކެރޭނެ، އަދި ރިއަލްޓައިމްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާނެ އދ އެކެވެ. އދ ގެ މެންޑޭޓުގައި ވެސް ހިމެނެނީ ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރުމާާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުން އަދި ގާނޫނުތައް ތަންފީޒުކުރުން ކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެކަމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަދިވެސް އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ މި ވޭތުވެދިޔަ އަހަރުތައް ތެރޭގައި ރާއްޖެއިން އދ ގައި ކުދި ގައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އދ ގައި ކުދި ގައުމުތަކަށް ލިބިފައިވާ ފުރުސަތުތަކާއި ރާއްޖެ އަށް ލިބުނު ކުރިއެރުންތަކަކީ ވެސް އޭގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އދގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

tel:+9607331319