logo

ޕީޕީއެމް އުވާލައޭ ބުނާ ވާހަކަތަކަށް ރައްދެއް: ޕީއެންސީ ބޮޑުކުރުމަކީ ޒިންމާއެއް

profile

އާމިނަތު ޝަފާ - 09 އޯގަސްޓު 2024 - 21:05

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގެ މަޑަވެލި ދާއިރާގެ ރައީސް އިނާޒް އަލީ

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގެ މަޑަވެލި ދާއިރާގެ ރައީސް އިނާޒް އަލީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް( ޕީޕީއެމް) އުވާލަން އުޅޭކަމަށް ބުނާ ވާހަކަތަކަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގެ މަޑަވެލި ދާއިރާގެ ރައީސް އިނާޒް އަލީ ރައްދުދެއްވައިފިއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ - ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް މިދިޔަ ހަފްތާތެރޭގައި އަޑު ފެތުރުނެވެ. ޕީއެންސީއަކީކުރީގެ ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއް ކުރިމަތި ވެދާނެ ހާލަތެއްގައި 2019 ވަނަ އަހަރުގެ ޖެނުއަރީ 31ވަނަ ދުވަހު ރެޖިސްޓަރީ ކުރި ޕާޓީއެކެވެ. ޕީޕީއެމްއަކީ ރައީސް ޔާމީން އުފެއްދެވި ޕާޓީއަކަށްވުމާއެކު އެ ޕާޓީ އުވާލުމަށް ޕީއެންސީގެ ބޭފުޅުން މަސައްކަތް ކުރައްވާކަމަށްބުނެ ފާޑުކިޔުންތައް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން އަސްލު ޓީވީގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިނާޒު ވިދާޅުވީ ކުރެވެމުންދަނީ ޕީއެންސީ ބޮޑުކުރުމުގެ މަސައްކަތްކަމަށެވެ.

އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވާދަކުރީ ޕީއެންސީ ޓިކެޓުގައިކަމަށްވެފައި ޕީއެންސީ ބޮޑުކުރުމަކީ ޒިންމާއެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް އިނާޒު ވިދާޅުވިއެވެ.

"ވަކި ޕީޕީއެމް އުވާލާކަށް ނޫން މިއުޅެނީ. ޕީއެންސީއަށް މީހުން އިތުރުކުރަން މިއުޅެނީ. އެ އިތުރުކުރުމުގެ ތެރޭގައި ޕީޕީއެމްއިން މީހުން މަދުވެއްޖެނަމަ އުވުނީ. މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާޑު ސްޕީޑްގައި ކުރިއަށް އެބަދޭ".

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވާދަކުރެއްވީ ރައީސް ޔާމިނަށް ވާދަނުކުރެއްވޭނެ ހާލަތެއް ދިމާވެދާނެތީ ޕީއެންސީގެ ފަރާތުންނެވެ. އަދި ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރައްވައި 75 މެމްބަރުން ވަނީ މަޖިލިސް އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

tel:+9607331319