logo

އިންޝުއަރެންސް އާއިބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 06:29

ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ހަރުދަނާކޮށް، އިންޝުއަރެންސްއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2025/13) ތަންފީޛުކޮށް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު ދެ ގަވާއިދެއް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ. މި ދެ ގަވާއިދު ގެޒެޓްގައި ޝާއިޢުކޮށްފައިވަނީ 27 އޮގަސްޓް 2026 ގައެވެ.

https://wamco.com.mv/

ގެޒެޓްކުރެވުނު ފުރަތަމަ ގަވާއިދަކީ "އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު" އެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ މިންގަނޑުތަކާއި ރިސްކުތައް ކަނޑައެޅުމެވެ. އަދި އެފަދަ ރިސްކެއް ކަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގުމުގެ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏަކުން އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ އޮތުމަށް އިސްތިސްނާ ދެވޭނެ އުސޫލުތައް ބަޔާންކުރުމެވެ. މި ގޮތުން، ކަމާބެހޭ އޮތޯރިޓީގެ ވެބްސައިޓުގައި ޢާންމުކުރާ ޙާލަތްތަކުގެ އިތުރުން، އިސްތިސްނާއަށް އެދި އޮތޯރިޓީއަށް ހުށަހެޅިދާނެ ޚާއްޞަ ޙާލަތްތައްވެސް މި ގަވާއިދުގައި ވަނީ ތަފްޞީލުކޮށްފައެވެ.

ދެވަނަ ގަވާއިދެއްގެ ގޮތުގައި ޝާއިޢުކޮށްފައިވަނީ "އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު" އެވެ. މިއީ އިންޝުއަރެންސްއާބެހޭ ޤާނޫނުގައި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށާއި ކަންކަން ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް (ހޯދުމަށް މަސައްކަތްކުރުމަށް) ޤާނޫނީގޮތުން ހުއްދަ އޮންނަ ފަރާތްތަކަށް އެ މަސައްކަތް ކުރެވޭނެ ދާއިރާތައް ބަޔާންކުރުން ހިމެނެއެވެ. މީގެއިތުރުން، އިންޝުއަރެންސް ބްރޯކަރުކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި، ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ އިތުރުން، އިންޝުއަރެންސްއާބެހޭ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ގަވާއިދުގައި ވަނީ ސާފުކޮށް ކަނޑައަޅާފައެވެ.

މި ދެ ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ އިންޝުއަރެންސް ޞިނާޢަތު އިތުރަށް ހަރުދަނާވެ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޚިދުމަތްދޭ ފަރާތްތަކަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކަކާއި ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319