
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ އަހާ ފޯރަމްގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޕާކިސްތާނުގެ ޔުނިވަރސިޓީއަކުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 10:59
ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް "އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފު އަރުވައިފިއެވެ.
ރައީސް މުއިއްޒަށް މި ޝަރަފު އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެ ގައުމުގެ ވެރިން މީޑިއާއަށް ދެއްވި ގުޅިފައިވާ ބަޔާނަށްފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަނިކުފާނަށް މި ޑިގްރީ ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. މި އެވޯޑަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، އެ މަނިކުފާނުގެ ފަރާތްޕުޅުން ރައީސް މުޢިއްޒަށް އެރުވި ޝަރަފެކެވެ.
ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން ފާހަގަކުރި ގޮތުގައި، މި ޝަރަފު ރައީސް މުއިއްޒަށް އެރުވުމަށް ނިންމީ ދިވެހިރާއްޖޭގެ އާންމު ހިދުމަތުގެ ދާއިރާ ހަރުދަނާކުރެއްވުމަށާއި، ދައުލަތުގެ މުއައްސަސާތައް ޒަމާނީކޮށް ތަރައްގީކުރެއްވުމަށް އެ މަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެއިތުރުން، ފަންނީ އަދި ސިޔާސަތު އެކަށައަޅާ މަގާމުތަކުގައި ހުންނަވައިގެން އިސްލާމްދީން ކުރިއެރުވުމަށާއި، އަދުލުއިންސާފު ގާއިމުކުރުމުގެ އިތުރުން ރައްޔިތުންގެ ލާބައާއި ދުޅަހެޔޮކަމަށް އެ މަނިކުފާނު ގެންގުޅުއްވާ އިހްލާސްތެރި ސިޔާސަތުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
މިއީ ރައީސް މުއިއްޒަށް މިފަދަ މަތީ ޝަރަފެއް ބައިނަލްއަގުވާމީ ޔުނިވަރސިޓީއަކުން އެރުވި ދެވަނަ ފަހަރެވެ. މީގެ ކުރިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ވެސް ވަނީ އެ މަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: ރައީސް މުއިއްޒު
17 ގަޑިއިރު ކުރިން

އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުން މުހިއްމު: ރައީސް
7 ދުވަސް ކުރިން

ވަތަނީ ހިދުމަތުގެ 3 ވަނަ ފަންނީ ތަމްރީނުގެ ބައިވެރިންނަށް ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި
11 ދުވަސް ކުރިން

"އަންހެން ކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް"
12 ދުވަސް ކުރިން


