logo

ބޭރު ފައިސާގެ އައު އުސޫލުތަކާއެކު ރާއްޖޭގެ އިގްތިސާދަށް އައު ދިރުމެއް

profile

ޝުރުފާ މުހައްމަދު - 03 ފެބްރުއަރީ 2025 - 14:43

https://wamco.com.mv/

ފާއިތުވެގެން ދިޔަ 2024 ވަނަ އަހަރަކީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ދަތި އަހަރެއްކަން ކަމާ ބެހޭ އިދާރާތަކުން އައީ މެދު ކެނޑުމެއް ނެތި ބުނަމުންނެވެ. ދުނިޔޭގެ ބޮޑެތި ރޭޓިން އެޖެންސީތަކުން ރާއްޖެ އަށް ދިން ރޭޓިން އަށް ބަލާއިރު ވެސް އެކަން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ކޮވިޑްގެ ތެރޭގައި ހުއްޓުމެއް ނެތި ދިވެހި ފައިސާ ޗާޕުކުރުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ގައުމުގައި ޑޮލަރު ނެތި ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓިގެން ދިއުމެވެ. މިދިޔަ އަހަރު ދިމާވި ބޮޑެތި ބައެއް މައްސަލަތަކަށް ބަލާއިރު ކިޔަވާ ކުދިންނަށް ލޯނުގެ ގޮތުގައި ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވުމާއި، ސަރުކާރުން އެންމެ ބޭނުންވި މިންވަރަށް ކާޑުތަކުގެ ޑޮލަރު ރޭޓަށް އެ ބަދަލުތައް ނުގެނެވުން ފާހަގަކޮށްލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވީ އެ ދަތި އުނދަގޫ ހާލަތާ އެވެ. ބަޔަކު ރުހުނަސް ނުރުހުނަސް އެމަނިކުފާނަށް ނަންގަވަން ޖެހިވަޑައިގެންނެވީ މުޅި ގައުމަށް ފައިދާވާނެ ބޮޑު ފިޔަވަޅެކެވެ. ގާނޫނަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ ލިބޭ ޓުއަރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އެމަނިކުފާނު ބަދަލުތަކެއް ގެންނެވި އެވެ. ތިން ކެޓަގަރީ އަކަށް ބަހާލައިގެން ގެނައި މި ބަދަލުތަކުގެ ނަތީޖާ މިހާރު މި އަންނަނީ ފެންނަމުންނެވެ.

އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި، މި ގާނޫނުގެ ސަބަބުން އެތައް އަހަރެއް ވަންދެން ރާއްޖޭގެ އިގްތިސާދުގައި ވަޅުލެވިފައިވާ ކަޅު ބާޒާރުގެ ޑޮލަރު ވިޔަފާރި މަޑުމަޑުން އަންނަނީ ހުއްޓެމުންނެވެ. މިދިޔަ އަހަރު 20ރ 21ރ އަށް ހުރި ޑޮލަރު ރޭޓު ދަށްވަމުން އައިސް މިހާރު 18.50ރ އަށް ވެއްޓިއްޖެ އެވެ. މިއީ މުޅި އިގްތިސާދަށާއި، ވިޔަފާރިވެރިންނަށް ވެސް އުފާވެރި ޚަބަރެކެވެ. މިއަދު އެކަމާ އެންމެ އުފާކުރަނީ ވެސް މި ބަދަލުތައް ގެނައުމަށް އެންމެ ދެކޮޅު ވެސް ހެދި ފަރާތްތަކުންނެވެ.

މި އައު ގާނޫނުގެ ފުންމިނަށް ބަލައިލާއިރު، މީގެ އެންމެ މުހިންމު އެއް ބައިކަމުގައިވާ ޓޫރިޒަމް ދާއިރާގެ އާމްދަނީ ބެލެހެއްޓުމުގެ އައު އުސޫލުތަކަކީ، ރާއްޖޭގެ ފައިސާގެ ބާޒާރަށް ގެނެވުނު އެންމެ ބޮޑު އެއް އިންގިލާބެވެ. ޓޫރިސްޓް ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަގްސަދަކީ، ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމު ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ހަމައެހެންމެ، ޓޫރިސްޓް ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ބޭންކަށް ޖަމާކުރަން ޖެހުމަކީ، ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް ވިޔަފާރިތަކުގެ ފައިސާވެސް ރަސްމީ ނިޒާމުގެ ތެރެއަށް ވަންނާނެކަމުގެ ޔަގީންކަން ގެނެސްދޭ ކަމެކެވެ.

މި ބަދަލުތަކުގެ ފޮނިމީރުކަން މިހާރުވެސް ވަނީ ރާއްޖޭގެ އިގްތިސާދުގައި ފެންނަން ފަށާފައެވެ. ކުރިން ކަޅު ބާޒާރުގައި އުފެދިފައިވާ ޑޮލަރުގެ ތަފާތު އަގުތައް މިހާރު ވަނީ އެއް އަގަކަށް އައިސްފައެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ރާވައި ހިންގުމަށް ފަސޭހަވެ، އަދި އާންމު ރައްޔިތުންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވެފައިވާ ގިނަ ދަތިތައް ވަނީ ހައްލުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މި ގާނޫނު ތަންފީޛުކުރުމަށްޓަކައި އެކުލަވާލާ ގަވާއިދުތަކަކީ، ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އިތުރު ހަރުދަނާކަމެއް ލިބިގެން ހިނގައްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި، މި އައު ގާނޫނުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިގު މުއްދަތުގައި ލިބިގެންދާނެ ފައިދާތައް ވަރަށް ގިނައ ެވެ. ޚާއްސަކޮށް ބޭރު ފައިސާގެ ރިޒަރވް އިތުރުވެ، ރާއްޖޭގެ ރުފިޔާގެ އަގު ހަރުދަނާވެ، އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރިޔަށް ގެންދެވޭނެ މަގު ތަނަވަސްވެގެންދާނެ އެވެ.

މި ގާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ކުރެވޭ މުޢާމަލާތްތައް އިތުރުވެ، ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ބަދަލުތަކެއް ކަމުގައި ވެގެންދާނެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay